ބޭންކް އޮފް މޯލްޑިވްސް އިން ހދ އަތޮޅުގައި ދެމުން އައި ބޭންކު ދޯނީގެ ޚިދުމަތް ކޯވިޑް19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު ދޯނި ބޭންކިންގ ޝެޑިއުލް އާންމުކޮށްފިއެވެ.
އެބޭންކުން ކައުންސިލްތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ފޮނުވާފައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން، އެބޭންކުގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވާގޮތަށް ވަނީ ހަމަޖެހިފައިކަމަށާއި ދަތުރުގެ ތާވަލަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ބޭންކު ޓީމްގެ ފަރާތުން އެކަން ރަށްރަށަށް އަންގަވަމުން ގެންދާނެ ކަމަށެވެ. އަދި ކައުންސިލް އިދާރާއިން ދަތުރު ޝެޑިއުލް އެރަށެއްގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތައް އަދި އާންމު ފަރުދުންނަށް އަންގަވައި ދެއްވުން އެދޭކަމަށެވެ.
ދޯނި ބޭންކިންގ ޝެޑިއުލް - ދަތުރު ކުރާ ދުވަސް
- 07/06/2020 (އާދީއްތަ) - މަކުނުދޫ، ވައިކަރަދޫ
- 08/06/2020 (ހޯމަ) - ފިނޭ، ހިރިމަރަދޫ، ނައިވާދޫ، ކުރިނބީ،
- 09/06/2020 (އަންގާރަ) - ނޭކުރެންދޫ، ކުމުންދޫ
- 10/06/2020 (ބުދަ) - ނޮޅިވަރަމް، ނޮޅިވަރަންފަރު، ނެއްލައިދޫ
- 11/06/2020 (ބުރާސްފަތި) - ހަނިމާދޫ
ީ ލޯނަށް ފައިސާދެއްކުމަށް ވަޑައިގަންނަވާ ފަރާތްތަކުން، އެންމެފަހުން ފައިސާދެއްކި ސްލިޕް ގެންނެވުމަށް ހަނދުމަފުޅުކޮށް އެރުވުމަށް އެބޭންކުން އެދިފައިވެއެވެ.
ކޯވިޑް19 ގެ ސަބަބުން ދިމާވި ފުރަބަންދާއި އެކު އޭޓީއެމް ނެތް ރަށްރަށުގައި އަމިއްލަ އެކައުންޓުގައި ފައިސާ ހުރެ ފައިސާ ނެގޭނެ ގޮތް ހަމަޖެހިފައިނެތުމުން ގިނަބަޔަކު ދިޔައީ އެކަމުގެ އުނގަދޫ ތަހައްމަލު ކުރަމުންނެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމް ގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލެއް ހދ. އަތޮޅު ކައުންސިލް އިން އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
މި އުސޫލަކީ ފުރަބަންދުގެ ހާލަތުގައި އަތޮޅުގައި އޭޓީއެމް ޤާއިމްކުރެވިފައި ނެތް ރަށްރަ ރައްޔިތުންނަށް، ބޭންކު އޮފް މޯލްޑިވްސްގެ ބޭންކުދޯނީގެ ޚިދުމަތް ފެށެންދެން ފައިސާ ނެގުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުޅުދުއްފުށި ކޮވިޑް ޓާސްކުފޯހުގެ ފަރާތުން އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލެއްކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.
26000 ހާހަށްވުރެ ގިނަ އާބާދީއެއް އޮންނަ ހދ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ލިބެން ހުންނަނީ ދެރަށަކުންނެވެ. އެއީ ހަނިމާދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއިންނެވެ. ބާކީއޮތް 11 ރަށުގައި އޭޓީއެމް ގެ ޚީދުމަތް ނުލިބެއެވެ. މިރަށްރަށުގެ މީހުން ފައިސާނެގުމާއި ޖަމާކުރަން ބޭނުންވާނަމަ ޖެހެނި މިދެރަށުން ކުރެ ރަށަކަށް ދަތުރު ކުރާށެވެ. ކައުންސިލުން އެކުލަވާލީ އުސޫލުގައި އޮތް ގޮތުން މިރަށް ރަށުގެ މީހުންނަށް ވަކި ތާވަލެއްގެ ދަށުން ހަފްތާއަކު އެއް ދުވަހު އޭޓީއެމްގެ ޚިދުމަތް ލިބޭނީ ގިނަވެގެން 15 މީހުންނަށެވެ.
އާބާދީގައި 1500 އަށްވުރެ ދަށް ރަށްތަކަށް ލިބޭނީ 5 މީހަކަށް ދަތުރުކުރުމުގެ ފުރުސަތެވެ. 1500 އަށްވުރެ އާބާދީ މަތިނަމަ 10 މީހަކަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ހަފްތާއަކު އެއް ދުވަހަށް ދީފައެވެ.
ހދ. އަތޮޅުގެ އާބާދީ ބޮޑު ރަށްރަށުން ރާއްޖޭގެ ގައުމީ ބޭންކުން ޚިދުމަތް ލިބެން ނެތުމުން ގިނަ ރައްޔިތުންދަނީ ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަމުން ނެވެ. މިކަމުގެ ތަކުލީފު އެންމެ ބޮޑަށް އުފުލާ އެއްރަށަކީ ހދ. މަކުނުދޫ ރައްއިތުންނެވެ. މަކުނުދޫގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭންކް އޮފް މޯލްޑިސްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!