ކޮރޯނާ ވައިރަސްގެ ސަބަބުން މިއަދު މިވަނީ އަޅުގަނޑުމެން ދިރިއުޅުމުގައި ވަރަށް މުހިއްމު ގިނަ ކަންތައްތައްކެއް ހުއްޓި، އަދި އޭގެ ބަދަލުގައި އެހެން ގޮތްގޮތުން އެކަންކަން ކުރެވޭނެ މަގުހޯދަން މަޖުބޫރުވެފައެވެ.
ސްކޫލުތަކަށް ދަރިވަރުން ގެންގޮސް ކިޔަވައިދިނުންވެސް މެއެވެ. ކިޔަވައި ނުދެވި ދަރިވަރުން ގޭގައި ތިބޭތާ އެތައް މަހެއް ފާއިތުވެގެން ގޮސްފައިވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ މިކަމުގައި ދެން ކަންކުރެވޭނެ ގޮތަކީ ކޮބާއިތޯ ބަލާއި އެގޮތަކަށް މަސައްކަތް ކުރަމުންނެވެ.
މިކުޑަ ކުޑަ ދިވެހިރާއްޖޭގައިވެސް މިވައިރަހުގެ އަސަރުކޮށް، ތަޢުލީމު ދިނުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައި މިވާ ދަނޑިވަޅުގައި، ކަމާއިބެހޭ ވުޒާރާއިންނާއި ސްކޫލުތަކުން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކިޔަވައިދިނުމުގެ މުޤައްރަރަށް ބަދަލުގެނެވި، ފިލާވަޅުތައް ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދަން ވަނީ ފެށިފައެވެ. އަދި މީގެއިތުރުން ޖީސްއިޓް މެދުވެރިކޮށް ދަރިވަރުން ގޭގައި ކުރާނެ މަސައްކަތްތަކާއި، ޓީޗަރާއި ދަރިވަރު ގުޅިގެން ކުރިއަށް ގެންދެވޭ ކްލާސްތައް މިހާރު ފެށިގެން ކުރިއަށް ދެއެވެ.
މިއީ މުދައްރިސުންނާއި، ބެލެނިވެރިންނާއި ދަރިވަރުންނަށްވެސް އައު ތަޖުރިބާއެކެވެ. ނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ ތަފާތު އެކި އެކި އުނދަގޫތައް ހުރިކަމުގައިވިޔަސް، މިކަން ކުރިއަށް ދާކަމެވެ.
އާދެ! މިފަދަގޮތަށް ކިޔަވައިދޭން ފެށުމުން، ޓީޗަރާއި ދަރިވަރު އެއްތާކު ތިބެ އުނގެނުން ކުރިއަށް ގެންދިޔުމާއި ތަފާތު ހުންނާނެއެވެ. އަދި މިއީ، މިކަން ފެށޭ ހިސާބަށް ވެފައި، ކުރަންޖެހޭ މަސައްކަތް ބުރަވެފައި އިތުރުވާނެއެވެ.
މިފަދައިން ކިޔަވައިދެމުން ގެންދާއިރު، ދަރިވަރުންގެ ބައިވެރިވުން ރަނގަޅުކޮށް، ކާމިޔާބު ފިލާވަޅަކަށް ހެދުމަށްޓަކައި ޓީޗަރުންނަށާއި ސްކޫލުތަކަށް ކުރެވިދާނެ ބައެއް ކަންތައް އެބަހުއްޓެވެ.
މިލިޔުމުގައި މި ހިއްސާކޮށްލަނީ އޮންލައިންކޮށް ކިޔަވައިދިން ފަހި ގޮތަކަށް ކުރިއަށް ގެންދިއުމުގައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ. ދަރިވަރުންނާއި ޓީޗަރުންނާއި ބައްދަލުވެ ކުލާސްތައް ކުރިއަށް ގެންދާއިރު، ދަރިވަރުންނަށް އުނދަގޫވާ ކޮންމެފަހަރު އެހެންދަރިވަރުންނާއި ޓީޗަރުގެ ގާތުން ފަސޭހަ ކަމާއިއެކު އެކަންކަން އޮޅުންފިލުވާލުމުގެ ފުރުޞަތު ލިބިގެންދެއެވެ. ނަމަވެސް، އޮންލައިންކޮށް ކުލާސްތައް ކުރިއަށް ގެންދާނަމަ، ދަރިވަރު އަމިއްލައަށް ކުރަންޖެހޭ މަސައްކަތް އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
އެހެންކަމުން، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްގެންދާއިރު، ފިލާވަޅުތައް ތައްޔާރުކުރަންޖެހޭނީ ދަރިވަރަށް މާއުނދަގުލެއް ނެތި، އަމިއްލައަށްވެސް ކުރިއަށް ދެވޭނެފަދަ ގޮތަކަށެވެ. މިގޮތުން ފިލާވަޅުތަކުގައި ދެވޭ އިރުޝާދުތައް ދަރިވަރަށް ރަނގަޅު ފަހުމުވާގޮތަށް، ފުރިހަމަ އިރުޝާދުތަކަކަށް ވާންޖެހޭނެއެވެ.
އަނެއްކަމަކީ މިގޮތަށް ދަރިވަރުންނަށް ދެވޭ މަސައްކަތްތަކަކީ، ދަރިވަރުންނަށް އެކަމަށް ވަގުތު އޮވެގެން ނިންމާލެވޭ ފަދަ ދަރިވަރުގެ މަސައްކަތް ފެންނަ މަސައްކަތްތަކަކަށް ހެދުމެވެ. އެހެނީ އޮންލައިންކޮށް ދެވޭ ތަޢުލީމް ނުވަތަ ދުރުންދެވޭ ތަޢުލީމުގެ މައިގަނޑު އެއް ބޭނުމަށްކަން ވާންޖެހޭނީ ދަރިވަރުންގެ ކިބައިގައި އުނގެނުމުގެ ޤާބިލުކަން އިތުރުކުރުމެވެ.
ތިންވަނަކަމަކީ، އޮންލައިންކޮށް ކިޔަވައިދެމުން ދާއިރު ދަރިވަރުން އެންމެ ބޮޑަށް ހަނދާންވާނެ އެއްކަމަކީ، ޓީޗަރުންނާއި އެހެން ދަރިވަރުންނާއި ދެމެދު އޮތް ގާތް، އެކުވެރި ގުޅުމެވެ. އަދި ޓީޗަރުންގެ ފަރާތުން އަޑުއިވެމުންދިޔަ ހިތްވަރު ދިނުމުގެ ބަސްތަކާއި ނަޞޭޙަތެވެ. އަދި ހަމައެހެންމެ، ސްކޫލް ގޯތިތެރޭގެ އެކި ތަންތަނުން ބައްދަލުވި ބައްދަލުވުންތަކެވެ.
ވީމާ ކިޔަވައިދިނުމަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތްތަކާއި އެކުއެކީ ދަރިވަރުންނާއި ދެމެދު އުފެދިފައިވާ ގާތްގުޅުމާއި އޯގާތެރިކަން ދަރިވަރަށް އިހްސާސްކޮށް ދިނުމަށް މަސައްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މިއީވެސް އެހާމެ ފަސޭއިންކޮށްލެވޭނެ އަދި މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް މުހިއްމުކަމެވެ.
ދަރިވަރުނާއެކު އަބަދުވެސް ވާކަމަގެ އިޙްސާސް އެދަރިވަރުންނަށް ގެނެސްދިނުމަށާއި، ޓީޗަރުންގެ އޯގަތެރިކަން ދައްކަވައިދިނުމަށް ތަފާތު މެސެޖުތައް ދަރިވަރުންނާއި ހިއްސާކުރެވިދާނެއެވެ. އެގޮތުން ގޫގުލް ކުލާސްރޫމަށް ޓީޗަރުގެ މިފަދަ ވީޑިއޯ މެސެޖެއް ހިއްސާކޮށްލެވިދާނެއެވެ. ނުވަތަ ދަރިވަރުންގެ މަސައްކަތް ހިއްސާކުރުމުން، ޓީޗަރުކޮށްލާ ކޮމެންޓަކީ މިފަދަ ކޮމެންޓަކަަށް ހަދާލުން ހަމަ އެންމެ ރަނގަޅުވާނެއެ.
މީގެއިތުރުންވެސް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުންނާނެއެވެ. ދުރުން ތަޢުލީމް ފޯރުކޮށްދިނުމަކީ ފަސޭޙަކަމެއްކަމަށް ހީވިޔަސް، ގިނަ ވަގުތު ހޭދަކޮށް، ކެތްތެރިކަމާއެކު ކުރަންޖެހޭނެ މަސައްކަތްތެކެވެ. އަދި މިއީ މިގޮތަށް ކުރެވިއްޖެނަމަ އޭގެ ފައިދާ ދަރިވަރުންނަށްކޮށް އޭގެ ފޮނިކަން ދަރިވަރަށާއި ޓީޗަރުންނަށް ލިބިގެންދާނެކަމެކެވެ. ދިވާމާ ދަތިތަކާ ކެރިގެން ކުރިމަތިލައި ހިތްވަރާއެކު މަސައްކަތް ކުރުމުން މާތް ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!