ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މީސް މީޑިއާގައި ފާޑުކިޔައި އަބުރާ ބެހޭ ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާ ފުރަތަމަ ފޮނުވި ޗިޓުގައި، ވަޒީފާއިން ވަކިކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަބުރު ގެއްލޭގޮތަށް ސޯޝަލް މީޑިއާގައި ފާޅުގައި ލިޔަމުން ދިއުމެވެ.

Ad
rt

ވަޒީފާއިން ވަކިކުރުމުގެ ކުރިން ވެސް އެ މައްސަލައިގައި އެ މުވައްޒަފަށް ވަނީ އިންޒާރުދީފަ އެވެ. އަދި ވަޒީފާއިން ވަކިކުރީ، އެންމެ ފަހުން ދިން އިންޒާރުގައި ބުނެފައިވާ އިސްލާހީ ފިޔަވަޅުތަކަށް އަމަލުކޮށްފައިނުވާތީ ކަމަށް ވެސް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ސޮއިކުރައްވައި ފޮނުވި ޗިޓުގައި ބުނެފައިވެ އެވެ.

ނަމަވެސް އެ މުވައްޒަފަށް ފުރަތަމަ ފޮނުވި ސިޓީގެ ބައެއް އިބާރާތްތައް ގޯސްކޮށް ހުރުމުން، އެޗްޕީއެލް އިން އެ ސިޓީ އަނބުރާ ގެންގޮސް ފަހުން އެހެން ސިޓީއެއް ފޮނުވި އެވެ. ވަޒީފާ އިން ވަކިކުރިކަން އަންގައި ފޮނުވި ފަހުގެ ސިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދުގެ ވާހަކައެއް ނެތެވެ. ފަހުގެ ސިޓީގައި ބުނެފައި ވަނީ އެ މުވައްޒަފު ވަނީ އެޗްޕީއެލްގެ "ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީ" އާ ޚިލާފުވެކަމަށެވެ.

މި ކަމާއި ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ފާޑުކިޔުން ފަދަ ކަމެއްގައި ވަޒީފާއިން ވަކިކޮށްފައިވާނަމަ ޓްރައިބިއުނަލް ޒިންމާވާ ގޮތަށް ޖުޑީޝަރީ ކޮމިޓީން ފާރަވެރިވާނެ ކަމަށެވެ.

"މިހާތަނަށް ހަމަ ގައިމު ވެސް ކުރީ ރިޔާސީ އިންތިހާބުގައި ވެސް، މަޖިލިސް އިންތިހާބުގައި ވެސް ދެކޮޅަށް އުޅުނު މީހުނަށް ހެސްކިޔާފައި ވަޒީފާ ދީފައި،" މި ސަރުކާރުން ވަޒީފާ ދިނުމުގައި ސިޔާސީ ޕާޓީއަށް ނުބަލާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް އިންތި ކުރެއްވި ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ ކަމަށް ބުނެ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޗިޓް ފޮނުވުނީ އިދާރީ އޮޅުމަކުން ކަމަށާ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވަނީ މިރޭ ވިދާޅުވެފައެވެ.

މިސަރުކާރު ވެރިކަމަށް އައުމުގައި ކެމްޕޭންގައި ވަނީ އޭރުއޮތް ރައީސް ޔާމީނުގެ ސަރުކާރުގައި ޚިޔާލު ފާޅުކުރާ މުވައްޒަފުންނާއި، ސިޔާސީ ފިކުރު ތަފާތުވުމުން އެތައް ބައެއްގެ ވަޒީފާގެއްލި މަގުމަތި ވެފައިވާތީ، އެބޭފުޅުންނަށް ސަރުކާރު ދީފިނަމަ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަބަދުވެސް ރައްޔިތުންނަށް އޮންނާނެ ކަމަށާއި، މިފަދަ މައްސަލައެއްގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ތަކުރާރުކުރަށްވައި، ކެމްޕޭން ކުރަށްވާފައެވެ.