މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއް މިރޭ މެންދަމު 1:30 ގައި ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ.
ޤާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވާ، ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީއިން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓް އެޖެންޑާގައި ހިމަނާފައިވަނީ ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ބައިގައެވެ.
މަޖިލިސްކުރިއަށް ގެންދިއުމުގެ ޤަވާޢިދު އޮންނަ ގޮތުން މި ޖަލްސާގެ ވޯޓުގަޑިއާއި ހަމައަށް ދާއިރު މި ރިޕޯޓުގެ ބަހުސް މަރުހަލާ ނިމިފައިވާ ނަމަ މިބިލަށް ވޯޓަށް އަހާނެއެވެ.
މިބިލްގައި ވަނީ މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ހިމަނާފައެވެ.
މި ބިލުން ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށައަޅާފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދިމާވި ޚާއްސަ ހާލަތުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވޭގޮތް ނުވުމުން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށެވެ.
ޤާނޫނު އަސާސީ އިސްލާހު ކުރާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ 4 ބައިކުޅަ 3 ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާނަމަ 66 މެމްބަރުންގެ ވޯޓާއިއެކުއެވެ.
ޤާނޫނު އަސާސީއަށް އިސްލާޙުގެނައުމަށް އިދިކޮޅުންވަނީ ދެކޮޅު ހަދާފައެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ 12:00 އަށް ހަމަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!