ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަބަންދުގެ ހާލަތު ކަނޑައަޅާފައި ނުވާ ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު އަޙުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާފައި ބައެއް ކަންކަން ސަރުކާރުން ލުއި ކުރަން ނިންމާފައި ވާތީ އެވާހަކަ ހިއްސާކޮށްލަން ބޭނުން ވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓަރީއިން ކަންކަން ކުރަމުން އައީ ޑޮކްޓަރުންގެ ލަފާގެ މަތިންކަމަށެވެ. އެ ގޮތުން މިސްކިތުގައި ޖަމާއަތް ހެދުން މެދުކަނޑާލީ ޑޮކްޓަރުންނާއި މަޝްވަރާ ކުރުމަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތީން ކަމަށެވެ. އަދި އެކަންކަން ގެނދިޔައީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިންމުމަކީ ޑޮކްޓަރުންގެ ލަފާގެ މަތީން ޢިލްމްވެރިންގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިންމައިގެން ކުރިއަށް ގެންދެވުނު ނިންމުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ޑޮކްޓަރުންނާއި ކުރެވުނު މަޝްވަރާގައި ރައްކާތެރި ކަމުގެ ފިޔަވަޅުތަކަކާއިއެކު މިސްކިތްތައް ހުޅުވާލަން އެންމެ ރަނގަޅުކަމަށް ޑޮކްޓަރުންގެ ލަފާ ލިބިފައިވާތީ، ކަނޑައެޅޭ ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން ނިންމާފައި ވާކަމަށެވެ.
މިސްކިތްތައް ހުޅުވާލާއިރު، ހުއްދަދެވޭ ރަށްރަށުގައި އަމަލުކުރުމަށް ޑޮކްޓަރުން ދެއްވި ލަފާތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި، މުސައްލަ ހިފައިގެން އަދި ވުލޫކޮށްގެން މިސްކިތަށް ދިއުން، މިސްކިތުގައި ގިނަ އިރު ނުކުރުމަށާއި، މާސްކު އަޅުމަށާއި އަދި ރޯގާޖެހި ކިނބިހި އަޅާމީހުން މިސްކިތަށް ނުދިޔުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިކަމަށް ޑޮކްޓަރުން ދެއްވާ ލަފަޔާއިއެއްގޮތަށް މަރުހަލާތަކަކަށް ބަހާލައިގެން ލުއި ދެއްވަމުން ގެންދަވާނެ ކަމަށެވެ. އަދި މާދަމާ ރަށްރަށުގައި ހުކުރު ކުރުމުގެ މަސައްކަތް އެލްޖީއޭއާއި ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!