ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން މާލޭގައި ތިބި އަތޮޅުތަކުގެ ރަށްޔިތުން ތެރެއިން މިހާލަތުގައި ރަށަށް ދާން އެދޭ މީހުން ތެރެއިން ރަށަށް ދިއުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ ހަތަރު ކަމަކަށް ބަލައިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މާލޭގައި ތިބި އަތޮޅުތަކުގެ ރަށްތަކުގެ މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ދަތިތަކެއް އޮތީ ކުރިމަތިވެފައި ވާ ކަމަށެވެ.

Ad
rt

" ކުރިން އަޅުގަނޑުމެން ނިންމައިގެން ތިބީ ކައުންސިލްތަކުން އިންތިޒާމް ކުރުމުން އެ މީހުންނަށް ފުރޭ ގޮތް ހަމަޖައްސައިދޭން. އެކަމަކު ބަަލި ފެތުރޭ ގޮތުން މިހާރު އެކަން މި އަންނަނީ ބަދަލުވަމުން. މިހާރު އަޅުގަނޑުމެން މި ބަލަނީ 1 އެޕްރީލްގެ ފަހުން އައި މީހަކަށް ވުން، އަދި ވަރަށް ހާއްސަ ބޭނުމަކަށް އައި މީހަކަށް. ހާއްސަކޮށް މެޑިކަލް ކަންކަމަށް އައި މީހުންނަށް. އަދި ކުރު ދަތުރަކަށް އައި މީހުންނަށް. މީގެ ހަތަރު ކަމަކަށް ބަލާފައި ފުރުސަތު ދޭ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިގޮތަށް ރަށަށް ދިއުމުގެ ފުރުޞަތު އެރުވޭ މީހުން ކަނޑައެޅުމުގެ ކަންކަން ވަރަށް އިންސާފުވެރި ކަމާއި އެކު ކަނޑައެޅޭތޯ ބައްލަވާނެ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ ރައްޔިތުން އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭން ކޯވިޑް-19 ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާތަނަށް ވަނީ 862 އަށް އަރާފައިއެވެ.