މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެއްވުމުގެ ބިލު “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރެއްވުމާ އެކު، އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ނިމުމަކަށް އަތުވެއްޖެ އެވެ.

އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން، ތާވަލްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޯވިޑް-19 އާއި ގުޅިގެން އެންމެ ފަރަތަމަ ފަސްކޮށްފައި ވަނީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އެ ކޮމިޝަނަށް އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހު މުއްދަތެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ހާލަތު އިންތިޚާބެއް ބޭއްވޭ ވަރަށް ރަނގަޅު ނޫން ކަމަށް ނިންމައި އެ ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މި މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

Ad
rt

ކޮމިޝަންގެ މި ނިންމުމާއި އެކު، ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވިސްގެ މީހުންގެ ސަސްޕެންޝަނަށް ގޮތެއް ނުނިމި ވަނީ ދިގު ދެމިގެން ގޮސްފައިއެވެ. ގާނޫނުގައިވާ ގޮތުން، ސިވިލް ސާވިސް ވަޒީފާއެއްގައި ހުރި މީހަކު އިންތިޚަބަކަށް ކުރިމަތިލައިފި ނަމަ އެ މީހަކު ހުރި މަގާމުން ސަސްޕެންޑް ވާނެ އެވެ.

މިގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމާއި އެކު، އެ އުސޫލުން 204 ސިވިލް ސާވަންޓުން ވަނީ ވަޒީފާ އިން ވަނީ ސަސްޕެންޑްވެފައި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ބިލް ގާނޫނަކަށް ވުމާ އެކު، އެ އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިއަދުން ފެށިގެން ނިމުމަކަށް އައީ އެވެ. އެކަމަކު އިންތިޚާބަށް އަލުން އިއުލާން ކުރެވެންދެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ބިލް ގާނޫނަކަށް ވުމާ އެކު، ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ.