ރާއްޖެއިން ކޯވިޑް-19 އަށް އިތުރު މިއަދު 86 މީހަކު ޕޮޒިޓިވްވެ ކަމަށް ހެލްތު ޕްރެޓެކްޝަން އޭޖެންސެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެހެން ކަމުން ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 734 އަށް އަރައިފައެވެ.
އެޗްޕީއޭއިން ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 67 މީހަކާއި، އިންޑިޔާގެ 3 މީހަކާއި، ލަންކާ މީހަކާއި، ނޭޕާލް މީހެއްގެ އިތުރުން 14 ދިވެހިންކަމަށެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި، 80 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ބަންގްލަދޭޝް މީހާ މަރުވީ ސީދާ ބަލީގެ ސަބަބުން ނޫން ނަމަވެސް، ބައްޔަށް ޕޮޒިޓިވްވެފައި ވުމުން އޭނާގެ މަރުވެސް ގުނަނީ ކޮވިޑް-19 މަރެއްގެ ގޮތުގައެވެ.
ކޮވިޑް-19 މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުންވެސް ވަނީ ފެނިފައެވެ. އެ ރަށްތައް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސް ކުރަމުންދާއިރު، އެއް ރަށުން އަނެއް ރަަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެެވެ.
އަދި ކުރިއަށް އޮތް ދެހަފްތާއަކީ ރާއްޖެއަށް އެންމެ އުދަގޫ 2 ހަފްތާއަށް ވެގެންދާއިރު މިދެހަފްތާގައި ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!