އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެމިގެންދާ ގޮތަށް ހުށަހަޅާފައިވާ ވަގުތީ ގާނޫނު ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގެންފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލު ތަޅުމަށް ބަލައިގަނެ، މަޖިލީހުގެ އެބިލާއި ގުޅޭ ކޮމިޓީ، ލާމަރުކަޒީ ކޮމިޓީއަށް ބިލު ދިރާސާ ކުރަން ފޮނުވަން މިއަދު އޮތް މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަގުތީ ބިލް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ.
މިބިލު ބަލައިގަންނަން ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
މިބިލުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.
އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އަމަލުކުރާނޭ ގޮތް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.
މަޖިލީހުގެ ތަޅުމަށް ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި މި ވަނީ، އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ބައެއް މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިންތިހާބީ މަގާމެއްގެ ދައުރެއް ގާނޫނަކުން ދިގެއް ނުކުރެވޭނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބު ކުރެވި މަގާމާއި ހަވާލުވުމުން އެ ގާނޫނު އުވޭނެކަމަށް މިއަދު މަޖިލިސް ތަޅުމަށް ބަލައިގަތް ވަގުތީ ބިލުގައި ވަނީ ބުނެފަ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!