ޒިންމާއިން ރެކިވަޑައިގެން ހުންނެވުމުން ފާޑުު ކިޔުން ބޮޑުވެ ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުން އާދަމް އަލީ އިސްތިއުފާ ދެއްވައިފިއެވެ.

އާދަމް އަލީ ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން އެކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އަބުދުﷲ އައްސަދު ވަނީ މިނޫހަށް ޔަގީން ކޮށްދެއްވާފައެވެ. އާދަމް އަލީ ރައީސްކަމުން އިސްތިއުފާ ދެއްވިއިރު މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އާދަމް އަލީ އަކީ އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށި އުތުރު ދާއިރާ ތަމްސީލް ކުރަން އިންތިހާބުވި މެންބަރެވެ.

Ad
rt

ކޮވިޑް-19 ގެ މައްސަލާގައި އަތޮޅު ކައުންސިލްގެ ޒިންމާ އެއްވެސް ވަރަކަށް އަދާކޮށްފައިވާ ނުވާތީ ގިނަބަޔަކު ދަނީ ފާޑުކިއުން އަމާޒު ކުރަމުންނެވެ. އެއްވެސް ވަރަކަށް ހދ އަތޮޅު ކައުންސިލް ހަރަކާތްތެރިވެފައި ނުވާތީ އަތޮޅުގެ ގިނަރަށްރަށުގެ ރަަށު ކައުންސިލް މެންބަރުންނާއި ރައީސުން އައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރައީސް އިސްތިއުފާ ދެއްވިއިރު ނައިބު ރައީސް ހުންނެވީ ކަރަންޓީނު ކުރެވިފައެވެ. ނައިބް ރައީސް އާއި ރައީސްގެ އިތުރުން ތިން މެމްބަރުން އެކައުންސިލްގައި ތިއްބަވައެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަކީ ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވަމުން އަންނަ މަގާމެވެ. އެހެންވުމުން ކޮންމެ އަހަރަކުވެސް ދައުރު ހަމަވުމުން އާ މެމްބަރަކު އެ މަގާމަށް އިންތިހާބުކުރަނީ އެވެ.

ކޯވިޑް19 އަށަ މާލެ ފިޔަވާ ރާއްޖޭގެ ރަށަކުން މީހަކު ފައްސި ވެފައިވަނީ ތިލަދުންމަތީގެ ރަށަކުންނެވެ. އެއީ ކާވިޔާ ބޯޓުން ދަތުރު ކުރި މީހެކެވެ. ކާވިޔާ ބޯޓަކީ ހދ އަތޮޅުގެ ރަށްރަށަށްވެސް ދަތުރު ކުރާ ބޯޓެކެވެ. މިމައްސަލަ ބޮޑުވެގެން ދިޔަ އިރުވެސް ހދ. އަތޮޅު ކައުންސިލް އޮތީ ގަދަ ނިދީގައި ނިދާފައެވެ. މިވީހާތަނަށް ހދ އަތޮޅުގައި ކޯވިޑް19 ޓާސްކްފޯއެއް އެކުލަވާލެވި ބައްދަލުވުމެއް ބޭއްވިފައި ނުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިކަމާއި ގުޅިގެން މިދިޔަ ހަފްތާގައި އާދަމް އަލީ އާއި މިނޫހުގެ ފަރާތުން ގުޅާލުމުން ބުނެފައި ވަނީ އަމިއްލަ މަސައްކަތެއްގައި ވަރަށް ބިޒީކޮން އުޅުއްވާކަމަށެވެ. އަދި ކޯވިޑް19 ގެ ކަންތަކާއި ގުޅިގެން ބައްދަލުވުމެއް ބާއްވާފައި ނުވާނެކަމަށް ވިދާޅުވިއެވެ.

މިކަމުގައި ހދ. އަތޮޅު ކައުންސިލް ލޮނުމަޑުކަމުން އެކި އިދާރާތަކުން ވަނީ ގޯސްތައްވެސް ހެދިފައެވެ. އެގޮތުން ނޮޅިވަރަންފަރު މޮނީޓަރިންގެ ހާލަތަށް ގެންނަން ޖެހޭ ދަނޑިވަޅެއްގައި ނޮޅިވަރަމު ވަނީ މޮނީޓަރިންހާލަތަށް ގެނެސް ފައެވެ. މިކަހަލަ ކަންކަން މެދުވެރިވެގެން ދަނީ ހދ. އަތޮޅު ކައުންސިލް އޭގެ ޒާތުގައި ހަރަކާތްތެރި ނުވާތީކަމަށް ގިނަފަރާތްތަކުން ބުނަމުންދެއެވެ. އަދި ރައްޔިތުންގެ އަސާސީ ޚިދުމަތް ތަކާއި ފުޑް ސެކިއުރިޓީގެ ކަންކަން އިންތިޒާމް ކުރުމުގައި އަތޮޅު ކައުންސިލް ހަރަކާތްތެރިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރު ބަންދު ކުރި ފަހުން އެ ކައުންސިލްގެ ބައްދަލުވުމެއް ފޯނު ކޮންފަރެންސް މެދުވެރިކޮން ބާއްވާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ.