ކޯވިޑް-19 ޖެހިފައިވާ އުމުރުން 80 އަހަރުގެ މީހެއް ފެނިފައި ވުމުން، މިކަމުން އަންގައި ދެނީ މާހައުލުގެ ތެރޭގައި ފުދޭ ވަރަކަށް ބަލި ފެތުރިފައިވާ ކަން ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސާ ހުސައިން ވިދާޅުވީ އެ ދިވެހި މީހާއަކީ ގިނަ ބަލިތަކެއް ތަހައްމަލު ކުރަމުންދާ މީހަކަށް ވާތީ އޭނާގެ ހާލު ވަރަށް ބޮޑަށް ދަށްވެގެން ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ މެމްބަރު ކަންވެސް ކުރަށްވާ ޑރ. މޫސާ ވިދާޅުވީ، މިއައީ އެންމެ ބޭނުން ނުވި ދުވަސްކަމަށެވެ. 80 އަހަރު ބަލިމީހާ މިވަގުތު އެޑްމިޓްކޮށްފައި ވަނީ "ޑީއެޗް11" ގެ އައިސީޔޫގައި ކަމަށާއި އޭނާއަކީ ސްޓްރޯކްއެއް ޖެހިގެން ދެ އަހަރުވަންދެން އެނދުމަތިވެފައި ހުރި މީހެއް ކަމަށެވެ.
އުމުރުން 80 އަހަރުގެ މީހާ އެޑްމިޓް ކުރިއިރު އޭނާގެ އޮކްސިޖަން ހުރީ 94 ޕަސަންޓުގައި ކަމަށާއި ނަމަވެސް އާދައިގެ މީހެއްގެ އޮކްސިޖަން ހުންނަން ޖެހޭނީ 98 ގައި ކަމުން، އެއީ އިންޒާރުގެ ނިޝާނެއް ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.
އެމީހާއަކީ ގިނަ ބަލިތަކެއް ގައިގައި ހުރި މީހެއްކަން ފާހަގަ ކުރަށްވަމުން ޑރ. ވިދާޅުވީ އެމީހާގައިގާ ހުރި ބަލިތަކުގެ ތެރޭގައި ހަކުރު ބައްޔާއި ލޭމައްޗަށް ދިޔުމާއި ކޮލެސްޓްރޯލް މަތިވުން ހިމެނޭކަމަށެވެ. އޭގެ އިތުރުން ކާއެއްޗެހި ނޭވާހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހިގެން އޭނާއަކީ އެތައް ފަހަރަކު ހޮސްޕިޓަލްގަ އެޑްމިޓްކޮށްފައި ހުރި މީހެއް ކަމަށް ވެސް ޑރ. މޫސާ ވިދާޅުވި އެވެ.
މިހާ ބަލި މީހެއްގެ ކޯވިޑް ފައްސިވެގެން އައުމުން އެކަމުން ދޭހަވަނީ މާހައުލު ތެރޭގައި ބަލި ފުދޭވަރަކަށް ފެތުރިފައިވާ ކަންކަމަށާއި، އެހެންކަމުން ދުވަސްވީ މީހުންގެ ތެރޭގައި ވަރަށް ބޮޑަށް ބަލަންވާނެ ކަމަށް ޑރ. ވިދާޅުވިއެވެ. އަދި ހުން އައިސް، ކެއްސާ އަދި މެއަށް ތަދުވުން ފަދަ ކަންކަން ދިމާވެ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެޗްޕީއޭއަށް އަންގައި ވަގުތުން އިރުޝާދު ހޯދަންވާނެ ކަމަށްވެސް ޑރ. މޫސާ ވިދާޅުވިއެވެ.
ހޯދުންތައް ދައްކާ ގޮތުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމުގެ އިތުރަށް ނިއުމޯނިއާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!