ކޯވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލްތަކުން އަޅަންވީ ފިޔަވަޅުތައް އެކައުންސިލްތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި އެންގުމުގައި ބުނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައި ވާކަމަށެވެ.

Ad
rt

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި (ށ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޟަރޫރީ ބޭނުމެއްގައި ފިޔަވައި ދަތުރުފަތުރުކުރުން ހުއްޓައިލުމަށް އެޗްޕީއޭގެ ނަންބަރު 2020/36 އެންގުމުން އަންގައިފައި ވާތީއާއި، 15 މާރިޗު 2020 އިން ފެށިގެން މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށިން ރާއްޖޭގެ އެއްވެސް ރަށަކަށް ދަތުރު ކޮށްފައިވާ ފަރާތެއްވާނަމަ 14 ދުވަހުގެ މުއްދަތަކަށް ގޭގައި އެކަހަރީވުމަށް އެޗްޕީއޭގެ ނަންބަރު 2020/38 އެންގުމުން އަންގައިފައިވާތީ، މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައްޔާއި ސިޓީތަކުގައި އެ އެންގުންތައް ތަންފީޛުކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ޙަވާލާދީ، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ވަކި ގޮތަކަށް އަންގަންދެން، އެ ދެންނެވުމުގައިވާ ފިޔަވަޅުތައް އެޅުމަށް ލޯކަލް ކައުންސިލްތަކަށް އަންގާކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭގެ އެންގުމުގައިވާ ފިޔަވަޅުތައް/މަސައްކަތްތައް

  • ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު އޮތް މިންވަރާއި ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ އުސޫލުތަކާއި، އަދި ކަނޑައަޅާ އުސޫލުތަކާއި ޚިލާފުނުވާނެ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކުގައި އެއްވެ އުޅުން ހުއްޓުވުމަށާއި އިޖުތިމާޢީ ގައިދުރުކަން ޤާއިމްކުރުމަށް ފިޔަވަޅުތައް އެޅުން.
  • ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ކަރަންޓީނު/އެކަހެރި ކުރުމަށް އެޗްޕީއޭއިން ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކުގައިވާ ފަރާތްތަކަށް، ކަރަންޓީނު އެކަހެރި ކުރަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ލިޔުން ދޫކުރުން.
  • ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އެޗްޕީއޭއިން އަންގައިގެން ކަރަންޓީނު/އެކަހެރި ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކުގައިވާ ފަރާތްތަކަށް، ކަރަންޓީނު އެކަހެރި ކުރުމުން/ދޫކޮށްލިކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ލިޔުން ދޫކުރުން.

އެ އެންގުމުގެ 1 ވަނަ ނަންބަރުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފިޔަވަޅުތައް އެޅުމުގައި، ޤާނޫނު ނަންބަރު
7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ރ) ގައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އަންގާކަމަށް އެ އެންގުމުގައި ވެއެވެ.