އިއްޔެ މާލޭގެ ފްލޫ ކްލިނަކަކަށް ދެއްކުމުން ފައްސިވި ރާއްޖެއިން ފެނުނު 21 ވަނަ ކޮވިޑް-19 ބަލި މީހާއާއި، އޭގެ ފަހުން ފައްސިވި 2 މީހުންނާއި ގުޅޭ އިތުރު މައުލޫމާތު ސަރުކާރުން ހާމަކުރަށްވައިފިއެވެ.
މި މައުލޫމާތުތައް އާންމުކޮށް ދެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހަވީރު ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ކޮވިޑް-19 ޓާސްކު ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ.
މިއަދު މަބްރޫކު މައުލޫމާތު ހާމަކުރަށް ވަމުން އިއްޔެ ފައްސިވި ފުރަތަމަ މީހާ ފާހަގަ ކުރަށްވާފައި ވަނީ ކޭސް 21 ގޮތުގައިއެވެ. އަނެއް ދެ މީހުން ކޭސް 22 އަދި 23 ގޮތުގައި ފާހަގަ ކުރެއްވި އިރު ކޭސް 22 އަކީ ކޭސް 21 ގެ ތުއްތު ދަރިފުޅުކަމަށާއި، ކޭސް 23 އަކީ ކޭސް 21، 22 އާއި ޑައިރެކްޓް ކޮންޓަކްޓްވި މީހެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ކޭސް 23 ފައްސިވީ ކޭސް 21 ފަރާތުން ކަމަށް ނުވަތަ ކޭސް 21 އަށް ބަލި ޖެހުނީ ކޭސް 23 ފަރާތުންކަމަށް ދަންނަވަން ނޭނގޭކަމަށެވެ.
މިކޭސްތަކާއި ގުޅިގެން މަބްރޫކު އާންމު ކުރެއްވި އިތުރު މައުލޫމާތުތައް:
ކޭސް 21 އަދި 22 އާއި ގުޅިގެން
- ހައި ރިސްކްގައި 75 މީހުން
- މީޑިއަމް ރިސްކްގައި 43 މީހުން
- ލޯ ރިސްކްގައި 89 މީހުން
- 21، 22 އާއި ގުޅޭ ޖުމްލަ 207 މީހުން
ކޭސް 23 އާއި ގުޅިގެން
- ޖުމްލަ 35 ކޮންޓެކްޓެއް ފާހަގަ ކުރެވިފައި
- ހައިރިސްކްގައި 7 މީހުން
- މީޑިއަމް ރިސްކް 28 މީހުން
މަބްރޫކް ވިދާޅުވީ މިކޭސްތަކާއި ގުޅޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ހައިރިސްކާއި، މީޑިއަމް ރިސްކް މީހުންނާއި މެދު ތަފާތު ނުކުރާކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
ފަސް ދުވަސްތެރޭގައި އެހާ ގިނަ މީހުން ކޮންޓެކްޓް ވެފައިވަނީ ޕާޓީ ބޭއްވުން، މަސްދަތުރު ދިޔުން، ގޭގެއަށް ޒިޔާރަތްކުރުން އަދި ބުރުޖެހުން ފަދަ ކަންކަމުގެ ތެރެއިން ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މިއަދުގެ ވަގުތެއްގައި އެރިއަދޫ، ރޯޔަލް އަދި ފަން އައިލެންޑް ކަރަންޓީން ފެސިލިޓީގައި ތިބި 69 މީހަކު ދޫކޮށްލުމަށް ވަނީ ނިންމާފައި ވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!