ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައުލޫމާތު މިރޭ ސަރުކާރުން ހާމަ ކޮށްފިއެވެ.މިވައިރަސްގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ވަބާއާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ، 98،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި ދާނެ ކަމަށް ލަފާ ކުރެވޭކަމަށް އެ ރިޕޯޓުގައި ލަފާ ކޮށްފައިވެއެވެ.

އެރިޕޯޓުގެ މައުލޫމާތުތައް މީޑިއާއާއި ހިއްސާ ކުރެއްވީ ކޯވިޑް-19 ގެ މައުލޫމާތު ދިނުމަށް މިރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު އެވެ.

Ad
rt

ޑރ ނަޒްލާ ވިދާޅުވީ، ރާއްޖޭގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ ޖުމުލަކޮށް މާލެ ސަރަޙައްދުން 46،627 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އަތޮޅުތަކުން 51،874 މީހުން ބައްޔަށް ފައްސިވާނެކަމަށް ލަފާކޮށްފައިވާއިރު، ޖުމްލަ 98،501 މީހުންނަށް ކޯވިޑް-19 ގެ އަސަރު ކުރާނެކަމަށް ބުނެފައި ވެއެވެ.

އެ މައުލޫމާތުތައް ހާމަކުރަށްވަމުން ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ރައްކާތެރިވުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ ރާއްޖެއިން 10،891 މީހުން މަރުވާނެކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި "ފުލް ލޮކްޑައުން" އަކަށް ގޮސްފިނަމަ މަރުވާނެ ކަމަށް ބެލެވެނީ އެންމެ 4 މީހުން ކަމަށް ރިޕޯޓްގައި ބުނެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެއްވެސް ފިޔަވަޅެއް ނާޅައިފި ނަމަ ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް އިތުރަށް އެތައް އަދަދަކަށް ވައިރަސްއަށް މީހުން ފައްސިވުމުގެ ފުރުޞަތު އޮތްކަމަށާއި، އަދި 47 ދުވަސް ތެރޭގައި ޕީކްއަށް ދާނެ ކަމަށް ބެލެވޭ ކަމަށް އެރިޕޯޓާއި ހަވާލާދީ ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެއަށް އަމަލުކޮށްފިނަމަ، މި އަދަދު މަދު ކުރެވޭނެ ކަަމަށާއި، އެންމެ ޕީކްގައިވެސް ބަލި ޖެހޭނީ 2000 އެއްހާ މީހުންނަށް ކަމަށް ޑރ ވިދާޅުވިއެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ޑރ. ވިދާޅުވިއެވެ.

މި އަންދާޒާ އިން ދައްކަނީ، މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 5،000 މީހުން އަލަށް މި ބައްޔަށް ފައްސިވާނެ ކަމަށެވެ. އެއީ އެއް ދުވަހެއްގައި އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިދާނެ ކަމަށް ލަފާކުރާ އަދަދެވެ.

މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭ ދުވަހުން ފެށިގެން 35 ވަނަ ދުވަހު، އެކަނި އަލަށް 2،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް މިބަލަނީ،

ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ހިސާބުތައް ހަދާފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން ތައްޔާރުކޮށްފައިވާ މޮޑެލްއަކަށެވެ.

ރާއްޖޭގައި މިހާތަނަށް އާއްމުންގެ ތެރޭގައި ބަލި ނުފެތުރި އޮތީ، އަޅާފައިވާ ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ހެދި ކަމަށާއި މިބަލި އާންމުންގެ ތެރޭގައި އުޅޭތޯ ބެލުމަށް އެޗްޕީއޭއިން އަންނަނީ ޓެސްޓުތަކެއް ކުރަމުންނެވެ.

މިވަބާއިން ސަލާމަތްވުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެޗްޕީއޭއިން އެދިފައިވަނީ ގޭގައި މަޑުކުރައްވާ އިޖުތިމާއީ ގައިދުރުކަން ގެންގުޅުމަށެވެ. ރައްކާތެރިވުމުގެ ގޮތުން އެންމެހާ ފަރާތްތަކުން ފަރުދީ ޒިންމާ އަދާ ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.