ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ސާމާނު އެތެރެކުރާ ރާއްޖޭގެ ވިޔަފާރި ކުންފުންޏެއްކަމަށްވާ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ތިޖޫރީ ފަޅާލައި 2 މިލިއަނަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފިއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަަމަށެވެ. އެގޮތުން އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލައި، އޮފީހުގައި ހުރި ތިޖޫރީން 1.7 މިލިއަން ރުފިޔާއާއި، 2،200 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެޕޯލޯގެ އޮފީހުން ވައްކަން ކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ 11:45 އަކާއި ހޯމަ ދުވަހު ފަތިހު 4:30 އާ ދޭތެރޭގައި ކަމަށް ސީސީޓީވީ ފްޓޭޖްތަކާ ހަވާލާދީ އެޕޯލޯއިން ވަނީ ބުނެފައެވެ. ވައްކަން ކުރީ، ސީސީޓީވީތަކުގައި ޓޭޕް އެޅުމަށް ފަހު ކަމަށް ވެސް އެޕޯލޯ އިން ވަނީ ބުނެފައެވެ. އެޕޯލޯ ހާޑްވެއާ ސެންޓަރުގެ މަތީ އޮފީހަށް ބަޔަކު ވަދެ ފައިސާތައް ވަގަށް ނަގާފައި ވަނީ ފަސް ތިޖޫރީއެއް ފަޅާލުމަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!