ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމަށް ނިންމައިފި އެވެ.
އީޔޫ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި އެހީގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދޭ 1 މިލިއަން ޔޫރޯ (16.8 މިލިއަން ރުފިޔާ) އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދޭ 2 މިލިއަން ޔޫރޯ (33.7 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ކަަމަށެވެ. މި އެހީގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އޮޕަރޭޓަރުންނާއި އެ ފަރާތްތަކުގެ މުވައްޒަފުންގެ ވަޒީފާ ސަލާމަތްކުރުމަށް އެހީތެރިވެގެންދާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
"އީޔޫ އިން ދޭ އެހީތެރިކަމަކީ ހަމައެކަނި ބުނެލާ ބަހެއް ނޫން. މި އެހީގެ މާނައަކީ، ރާއްޖޭގެ ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާ އަށް ޔޫރަޕްގެ މާލީ އެހީތެރިކަން ލިބި، ރާއްޖޭގައި ތިބި ޔޫރަޕްގެ ފަތުރުވެރިންނަށް އަވަހަށް އެނބުރި ގައުމަށް ދެވޭނެ މަގުފަހިކޮށްދިނުން،"
ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ އީޔޫ ސަފީރު ޑެނިސް ޗައިބީ ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ރިކަވަރީ ޕްލޭނަށް އީޔޫގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރަން،
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އީޔޫގެ މި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި އެ ނޫން ވެސް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ސަރުކާރުން ވަނީ ބުނެފަ އެވެ.
ވޯލްޑް ބޭންކުން ރާއްޖެ އަށް ޖުމްލަ 17.3 މިލިއަން ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފައިވެ އެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ 600،000 ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!