އަންނަ ހަފުތާގައި ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް ޓެލިކިލާސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
ކީ ސްޓޭޖު 1 އަދި 2 ގައި ހިމެނޭ ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް އަންނަ ހަފުތާގައި ޓެލިކިލާސްތައް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވީ މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އަށް ހެލުތު މިނިސްޓްރީއިން ތައްޔާރުވާން ފެށި ހިސާބުން އެޑިޔުކެޝަން މިނިސްޓްރީއިންވެސް އެޑިޔުކޭޝަން އެމެޖެންސީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށިކަމަށެވެ.
އެންމެ ބޮޑު ސަމާލުކަމެއް ދިނީ މި އަހަރު އޯ ލެވެލް އަދި ގްރޭޑު 11 ގެ ފަހު އިމްތިހާނު ހަދާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ކަމަށާއި، އެގޮތުން އެ ގްރޭޑްތަކަށް ޕީއެސްއެމް މެދުވެރިކޮށް ޓެލިކްލާސްތަކެއް ނަގައިދޭން ފެއްޓެވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ފަހުން ގޫގުލް ކްލާސް ރޫމު މެދުވެރިކޮށްވެސް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދީފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކިޔަވައިދޭން ފެށިއިރު ދަރިވަރުންގެ އަތުގައި ހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި ފިލާވަޅުތައް ފޯރުކޮށްދެވޭނެ ގޮތްތައް ބެއްލެވި ކަމަށެވެ.
މިހާރުވެސް ގްރޭޑު 7-9 ގެ ދަރިވަރުންނަށް ޓެލިކިލާސްތައް މެދުވެރިކޮށް ކިޔަވައިދެމުން ދާކަމަށާއި، އަންނަ ހަފުތާގެ އާދީއްތަ ދުވަހު ކީ ސްޓޭޖު 1 އަދި 2 ގައި ހިމެނޭ ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް އަންނަ ޓެލިކިލާސްތައް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފުތާގައިވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތައް ވަނީ ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!