ބޮޑު ތަކުރުފާނު ރަސްކަމަށް އިސްވެވަޑައިގަތީ 1 ރަބީޢުލް އައްވަލް 981ހ ގައެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ޙާލުވަނީ ވަރަށް ނިކަމެތި ދަރަޖައަކަށް ގޮސްފައެވެ. ޕޯޗުގީޒުންގެ ގޮށްމުށްބާރު ވެރިކަމުގެ އަސަރުތައް ވަނީ އާންމު ވެފައެވެ. ދައުލަތް ހިންގުމުގެ އިންތިޒާމެއް ނެތެވެ.
ބޮޑު ތަކުރުފާނުންގެ އެންމެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެވަޑައިގަތީ ދައުލަތް ހިންގުމުގެ އެންމެހާ ކަންތައްތައް ހަރުދަނާ ގަވާޢިދަކަށް އަބުރާލެއްވުމެވެ. ވީރާނާވެގެން ގޮސްފައިވާ ރަސްމީ ޢިމާރާތްތައް އާރާސްތު ކުރެއްވުމެވެ. މިގޮތަށް ކަންތައްތައް ހަމަޖެއްސުވުމުގައި އެންމެ އިސް ބައިވެރިއެއް ކަމުގައި ބޮޑު ތަކުރުފާނު ހަމަޖެއްސެވީ އޭނާގެ އަޚް ޙަސަން ޚަޠީބު ތަކުރުފާނު އެވެ. މިއީ ފަހުން ޙަސަން ރަންނަބަނޑޭރި ކިލެގެފާނު އެވެ.
ޙަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައިވާ ގޮތުން ބޮޑު ތަކުރުފާނު ގެ ރަސްކަމުގައި ބޮޑު ވަޒީރަކު ކަމުގައި ހަމަޖެއްސެވީ ކަޅުއޮށްފުންމީގެ މަޝްހޫރު ޢަލީ ޙާޖީ އެވެ. އެއީ ދޮށިމޭނާ ކަމަށް ކޮލިލެއްވުމަށްފަހު ގައެވެ. ޙަސަން ޙާޖީ އަށް ކޮލިލެއްވީ ވެލާނާ ކަމަށެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހަނގުބޭކަލުން އުފައްދަވާ އެމީހުންނަށް ވަކި ގަވާއިދަކުން އެއްޗެތި ދެއްވާން ފެއްޓެވީ ބޮޑު ތަކުރުފާނު އެވެ. އެއީ މަހަކު ދެފަހަރު ބަނޑުހަނޑޫ ދެއްވުމާއި، އަހަރަކު ތިންފަހަރު ފޭލި ދެއްވުމެވެ.
ދިވެހި ދައުލަތް ހަމަޖެއްސުމަށްޓަކައި ބޮޑު ތަކުރުފާނު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރަސްކަމުގެ ގަނޑުވަރު ބިނާކުރެއްވުމާއި، އާދަކާދަތައް އުފެއްދެވުން ހިމެނެއެވެ. ބޮޑު ތަކުރުފާނު އަށް ހަމަޖައްސަން އެންމެ ދަތިފުޅުވި ކަމަކީ އިސްލާމްދީން ގެ މައްސަލަ ތަކެވެ. އެހެނީ އެތަކުރުފާނު ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ޢިލްމުވެރިއެއް ރާއްޖޭގައި އަމުދުން ނެތެވެ. އެތަކެއް އަހަރެއް ކުރީގައި ދިވެހިރާއްޖޭގައި އުޅުއްވި އަލްފަޤީޙް ސުލައިމާން އަލްމަދަނީ ބިން މުޙައްމަދު ބިން ޢީސާ އައްތިރިއްލީ އަލްޔަމަނީ ނިޔާވުމަށްފަހު ދިވެހިރާއްޖެ އައީ ދީނީ ޢިލްމުގެ ކުލަ ފަނޑުވަމުންނެވެ. އޭރު މިދެންނެވި ޢާލިމުގެ ދަރިވަރުންތައް ވެސް ވަނީ މަރުވެގެން ގޮސްފައެވެ. ޢިލްމުގެ ނޫރުތައް މުޅީން ނެތި ގޮސްފައެވެ.
ނަމަވެސް މިމައްސަލަ ހަމަޖެއްސުމަށްޓަކައި ނަޞީބު ބޮޑު ތަކުރުފާނު އާއި އެހީތެރިވެދިނެވެ. އެހެނީ ވަރަށް މަތިވެރި ދަރަޖައަކަށް ޢިލްމު އުގެނިގެން ހުންނެވި ދިވެހިރާއްޖޭގެ ދަންނަ ބޭކަލަކު އެދަނޑިވަޅުގައި މާލެ އަތުވެއްޖެއެވެ. އެބޭކަލަކީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން އެވެ. ދިވެހި ތާރީޚްގައި މަޝްހޫރު ވާދޫ ދަންނަ ކަލޭގެފާނު އެވެ.
މަރުޖިޢުތައް
- ފަތްތޫރަ - މެއި 1989 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
- ފަތްތޫރަ އޮކްޓޯބަރު 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
- ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!