މިވަގުތު ކަރަންޓީނުގައި ތިބީ 809 މީހުން ކަމަށާއި، އައިސޮލޭޝަންގައި ތިބީ 12 މީހުން ކަމަށް ސަރުކާރުން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ މިހާރު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތު ހިއްސާ ކުރަށްވަމުން މަބްރޫކު ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުން 73 މީހުން ދޫކޮށްލާފައި ވާކަމަށެވެ. އަދި މިއަދު 187 ސާމްޕަލެއް ނަގާފައިވާކަމަށާއި، ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 43 މީހެއްގެ ސާމްޕަލެއް މިހާރު ވެސް ނެގުމުގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަޢުލޫމާތު ހިއްސާ ކުރަށްވަމުން މަބްރޫކު އިތުރަށް ވިދާޅުވީ މިހާތަނަށް އައިއިރު 1573 ސާމްޕަލް ނެގިފައިވާކަމަށާއި، އޭގެ ތެރެއިން 19 ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު 1489 ސާމްޕަލް ނެގެޓިވްކަމަށެވެ. އަދި ހަވީރު 4 ޖެހުމާއި ހަމައަށް 65 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މިއަދު 9 ސަފާރިއަކާއި 15 ރިސޯޓެއްގައި ތިބި މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައިވާކަމަށާއި، މޮނިޓަރިންގެ ހާލަތުގައި އޮތް ރިހިވެލި އަދި ކޮންސްޓެންސް މޫފުށި މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެތަންތަނުން އައިސޮލޭޓް ކުރަންޖެހޭ މީހުން އައިސޮލޭޓް ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް19 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން2 މީހުން ތިބީ ރާއްޖެއިން ބެރުގައެވެ. އެބަލިން 13 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު ފަރުވާ ދެމުންދަނީ 4 މީހުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!