އަންނަ ހަފްތާގައިވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަންވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ކޮށްފައިވާ އަދި ކުރަމުންދާ އަސަރުތަކާއި، ރައްޔިތުން ތަޙައްމަލު ކުރަންޖެހިފައިވާ ދަތިތަކަށް ޙައްލު ހޯއްދެވުމަށް ސަރުކާރުގެ އެކި އިދާރާތަކުން ކަމާބެހޭ ވަޒީރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު، އެބޭފުޅުން ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!