މަޝްހޫރު އީކޮމާސް ޕްލެޓްފޯމް އަލީބާބާގެ ފައުންޑާ ކަމުގައިވާ ޖެކްމާ، އާއި ޗައިނާގެ ކުންފުނިތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތި ގެނައުމަށް ފްލައިޓެއް ޗާޓަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީ ޖޮންގު ވިދާޅުވީ ރާއްޖެއަށް ޗައިނާގެ އަމިއްލަ ފަރާތްތަކުން ދީފައިވާ އެހީތައް ނުގެނެވިގެން އުޅެނީ ގައުމުތައް ލޮކްޑައުންކޮށްފައި އޮތުމާއި ގުޅިގެން ކަމަށާއި ނަމަވެސް އެތަކެތި ގެނައުމަށް އެމްބަސީން ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ad
rt

ލީ ޖޮންގު ވިދާޅުވީ ޖެކްމާގެ އިތުރުން ރާއްޖޭގައި ތިބި ޗައިނާ ކުންފުނިތަކުންވެސް ރާއްޖެއަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

ޖެކްމާ ވަނީ ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ 10 ގައުމަކަށް އެހީތެރިވާނެކަން އިއްލާން ކުރައްވާފައެވެ. އެގޮތުން 1.8 މިލިއަން މާސްކާއި، 210000 ޓެސްޓު ކިޓާއި، 36000 ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި ތާމޯމީޓަރު ސަޕްލައި ކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖެކްމާ ރާއްޖެއަށް ވެދެއްވާ އެހީގެ ތަކެތި ސިންގަޕޫރާއި ހަމައަށް އައިސްފައިވާ ކަމަށެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށްދޭ އެހީގެ ފުރަތަމަ ޝިޕްމެންޓު މިއަދުވަނީ ރާއްޖެ ގެނެސްފައެވެ. އެޝިޕްމަންޓުގައި ހިމެނެނީ ކޮވިޑް-19 އަށް ހާއްސަކޮށް ގެނެސްފައިވާ ބޭހެވެ.

ލީ ޖޮންގު ވިދާޅުވީ ޗައިނާ އޮތީ ދިވެހިންނާއި އެކު ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އިތުރު އެހީ ޗައިނާއިން ވެދެމުންދާނެ ކަމަށެވެ.

އަލިބާބާ ފައުންޑޭޝަން އާއި ޖެކްމާފައުންޑޭޝަން އިން އެފްރިކާގެ 54 ގައުމަކަށް ކޮންމެ ގައުމަކަށް 20000 ޓެސްޓިންކިޓާއި އެއްލައްކަ ފޭސްމާސްކާއި 20000 ޓެސްޓިން ކިޓް އަދި ކޮންމެ ގައުމަކަށް 1000 މެޑިކަލް ސުއިޓް އަދި ފޭސް ޝީލްޑް ވަނީ ހަދިޔާކޮށްފައެވެ.

ޗައިނާގެ އެންމެ މުއްސަނދި މީހާ އަދި ދުނިޔޭގެ 20 ވަނައަށް އެންމެ މުއްސަނދި މީހާ ޖެކްމާ ވަނީ ޔޫރަޕްގެ ގައުމުތައް މި ބަލިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކޮވިޑް 19ގެ އެއްލައްކަ ޓެސްޓު ކިޓު އަދި 1.8 މިލިއަން ފޭސް މާސްކު ޔޫރަޕަށް ހަދިޔާކޮށްފައެވެ. މިތަކެތި މިހާރު ވަނީ ބެލްޖިއަމްއަށް ގެންދެވިފައެވެ.

ޖެކްމާ ވަނީ 5 ލައްކަ ޓެސްޓު ކިޓު އަދި 1 މިލިއަން މާސްކު އެމެރިކާއަށްވެސް ހަދިޔާކޮށްފައެވެ. ޖެކްމާ ގެ އަލީބާބާ ފައުންޑޭޝަނުން ވަނީ އެމެރިކާގެ އިތުރުން މި ވައިރަހުގެ އަސަރުކޮށްފައިވާ އެހެނިހެން ޤައުމުތައް ކަމަށްވާ ޖަޕާން، ކޮރެއާ، އިޓަލީ، އިރާން އަދި ސްޕެއިންއަށްވެސް އެހީވެފައެވެ.

ޖެކްމާ އެމެރިކާއަށް އެހީވުމަށް ނިންމާފައި މިވަނީ އެ ޤައުމުގައި ޓެސްޓު ކިޓްތައް މަދުވެ ގިނަ އަދަދެއްގެ މީހުންނަށް ޓެސްޓު ނުކުރެވިގެން އުޅެނިކޮށެވެ. އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި ކޮވިޑު-19 އަށް ޓެސްޓުކޮށްދެނީވެސް ފައިސާ ދައްކައިގެންނެވެ.

އެމެރިކާ ސަރުކާރުން އެންމެ ފުރަތަމަ ކޮވިޑު-19 އެހާ ސީރިއަސްކޮށް ނުނަގައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އެއީ އާދައިގެ ރޯގާއެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެ ވައިރަސް ފެތުރެން ފެށުމުން އެމެރިކާއިން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެެވެ.