އިސްލާމީ ޝަރީޢަތުގައި އިންސާނާގެ ނަފުސުގެ ދަރަޖަ ވަރަށް މަތިވެރިއެވެ. އެހެންކަމުން އިންސާނާގެ ނަފުސު ރައްކާތެރި ކުރުމަށް ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބާރު އަޅުއްވާފައިވެއެވެ. އިންސާނާގެ ނަފުސު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ހުރިހައި ކަމަކުން ރައްކާތެރި ވުމަށް އަންގަވާފައި ވެއެވެ.
އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
މާތް ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.
އިންސާނާ އޭނާގެ ނަފްސު އެއްވެސް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުން ނަހީކުރައްވައި ﷲތަޢާލާ ވަނީ ޤުރުއާނުގެ އެތައްތަނެއްގައި މީސްތަކުންނަށް އިންޒާރު ކުރައްވާފައެވެ.
ﷲތަޢާލާ ވަޙީ ކުރައްވާފައި ބަސްފުޅެއްގެ މާނައިގައިވަނީ.
އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސު ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!.
އިންސާނާގެ ނަފުސަށް ރައްކާތެރިކަން ލިބޭނޭ ހުރިހައި ވަސީލަތެއް މި ދުނިޔެމަތީގައި މާތްﷲ ލެއްވިއެވެ. މި ފަދަ އާޔަތްތަކުން ދޭހަވަނީ މާތް ﷲ އިންސާނާ މަތިވެރި ކުރައްވާފައިވާ މިންވަރެވެ. އިސްލާމްދީނުގައި މާތް ﷲ އިންސާނާގެ ނަފުސުގެ ދަރަޖަ މަތިވެރި ކުރައްވައި، އެ ނަފުސަށް ޙުރުމަތްތެރިކޮށް ހިތުމަށް އަންގަވާފައި ވާކަމެވެ. އިސްލާމްދީނުގައި އިންސާނާގެ ޙަޔާތަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވެއެވެ. އަދި ޝަރީޢަތުގެ އެންމެހައި ޙުކުމްތައް ބިނާވެފައިވަނީ އިންސާނާގެ މަސްލަޙަތުތައް ރައްކާތެރިކޮށް، ނަފުސު ޙިމާޔަތްކޮށް، ދެދުނިޔޭގެ ރައްކާތެރިކަމާއި ބާއްޖަވެރިކަމުގެ މައްޗަށެވެ.
ޤަޟާޤަދަރަށް އީމާންވެ، ސަލާމަތީ ވަސީލަތްތަކުގައި ހިފައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު މާތްﷲ އަށް ވަކީލުކޮށް، އެކަމެއްގައި ކުރިއަށް ދިއުމުގެ މަތިވެރި ފިލާވަޅެވެ. މިއީ މާތް ނަބިއްޔާ އެކަލޭގެފާނުގެ އުންމަތަށް ދަސްކޮށްދެއްވި އަގުހުރި ފިލާވަޅުތަކެކެވެ. މިކަމަށް އިޝާރަތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
"ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފި ނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލު ކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލު ކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ."
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!"
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!