ރަޝިޔާގައި ތައުލީމް ހާސިލް ކުރަމުންދާ ތިން ދިވެހިން، ޗުއްޓީ އަށް ރާއްޖެ އައުމަށް ފަހު އެ މީހުން އެނބުރި ރަޝިއާ އަށް ދިއުމުން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެކަހެރިކޮށް ހެދި ޓެސްޓްތަކުން އެ ތިން މީހުންވެސް ކޮވިޑް-19 ވައިރަހަށް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޮރޯނާވައިރަސްއާ ބެހޭ ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި އެ ސެެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ރަޝިއާ އަށް ދިޔަ ތިން މީހުންގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

Ad
rt

އޭގެ ތެރެއިން ދެ ކުއްޖެއްގެ ނަތީޖާ މީގެ ކުރިން ލިބުނު ނަމަވެސް ތިންވަނަ ކުއްޖާގެ ނަތީޖާ ލިބުމުގައި ލަސްތަކެއް އުޅޭކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

ތިން ވަނަ މީހާ ވެސް މިހާރު ނެގެޓިވްކަން ހާމަކޮށްފައިވާއިރު، ކުރިން ނަތީޖާ ލިބުނު ދެ މީހުންގެ ނަތީޖާ ޑަބަލް ނެގެޓިވްވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މި ތިން މީހުންނަކީ ވެސް ރަޝިއާގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ތިން ދަރިވަރުންނެވެ. ޗުއްޓީ އަށް ރާއްޖެ އައުމަށް ފަހު އެ މީހުން އެނބުރި ރަޝިއާ އަށް ދިއުމުން އެ މީހުން ބައްޔަށް ޝައްކުކުރެވި ކަރަންޓީންކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އެ ދަރިވަރުން އެންމެ ފުރަތަމަ ކަރަންޓީން ކުރީ ފަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ދިހަ ދުވަހަށް އިތުރުކުރި އެވެ.

ފޮރިން މިނިސްޓްރީއާއި ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން އެ ތިން ދަރިވަރުންގެ ހާލު ބަލަމުން އަންނަކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.