މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަދޭ ބްރިޖް “ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު" އެޅުމަށް ހަދަންޖެހޭ ސާވޭތައް ހަދާ ބޯޓު މާލޭގައި ބަނދަރުކޮށްފިއެވެ.

އެމްބަރޖެކް ނަމަކަށް ކިޔާ ސާވޭ ބޯޓު މާލެއާ ހަމައަށް އުފުލި އުޅަނދަކީ އެމް.ވީ ޑިވެލޮޕްމަންޓް ވޭ އެވެ. އެމް.ވީ ޑިވެލޮޕްމަންޓް ވޭ އަކީ މާލެ އާއި ހުޅުމާލެ ގުޅުވާލި ބްރިޖްގެ މަސައްކަތްތަކުގައި ބޭނުން ކުރި ކްރޭން ބާޖާއި ޓަގް ބޯޓުތައް އަނބުރާ ގެންދިއުމަށް ބޭނުން ކުރި އުނޅަދެވެ.

Ad
rt

މާލެ އާއި ވިލިނގިއްޔާއި، ގުޅިފަޅާއި، ތިލަފުށި ސަރަހައްދު ގުޅާލުމަށް ޕްލޭން ކުރެވިފައިވާ ބްރިޖްގެ ތަނބުތައް ފެތުރޭ ކަނޑުގެ ސަރަހައްދު އެމްބަރޖެކް އިން ސާވޭ ކުރާނެއެވެ. އެމްބަރޖެކްގައި މަސައްކަތް ކުރާ މީހުންގެ އެކޮމޮޑޭޝަން އާއި، ހެލިޕެޑަކާއި ކްރޭން ފަދަ މުހިންމު ވަސީލަތްތައް ގާއިމް ކުރެވިފައިވާ އުޅަނދެކެވެ.

އެމްބަރޖެކް ގައި ކަނޑުއަޑި ތޮރުފައިގެން ކުރަންޖެހޭ ދިރާސާތައް ކުރުމަށާއި، އެނޫންވެސް ކަނޑު އަޑީގެ ބިންގަނޑާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންވާ ގާބިލްކަން ހުންނާނެއެވެ. އެމްބަރޖެކް އަންލޯޑް ކުރުމަށް ހަމަ ޖެހިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މާލެ އާއި ތިލަފުށި ހިމެނޭ ސަރަހައްދު ގުޅާލުމަށް އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. ސާވޭގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 6 މަސްދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް އެފަރާތުން ބުނެއެވެ. ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރު އަހަރު ފަށަން މަސައްކަތް ކުރަމުންދާއިރު، އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ

ބްރިޖް އަޅާ ސަރަހައްދުގެ ކަނޑުގެ އަޑި އާއި އެއްގަމުގެ ބިންގަނޑު އޮތް ގޮތް ބެލުމަށްޓަކައި ޖިއޯ ފިޒިކަލް ސާވޭ ކުރުމަށް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކަ އެވެ. ސާވޭ ކުރުމަށްޓަކައި ފުގްރޯ ކުންފުނިން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފާއިރު މި ސާވޭގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15 މިލިއަން ޑޮލަރެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ، މިހާރު ފެށިފައިވާ މާލެ-ވިލިމާލެ ބުރިޖްގެ ސާވޭގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި އެ ބްރިޖްގެ އަމަލީ މަސައްކަތްތައް މިއަހަރު ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަހަރަށް ފާސްކުރި ބަޖެޓްގައިވާ ގޮތުގައި މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ އެ ބުރިޖަށް އަބޫދާބީ ފަންޑުން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ މިއަހަރު ލިބޭނެ އެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު އެ އަދަދު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

މި މަޝްރޫއަށް ޖުމްލަކޮށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.