މާތް ﷲގެ ވާގިފުޅާއެކު ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަނުދިނުމަށްކަމަށާއި ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސްނުވާނެކަމުގެ ޔަޤީންކަން ދޭކަމަށާއި އެސްޓީއޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުއިކަމާއެކު މިހާރު ފެތުރި އަދި ރާއްޖެއިން ވެސް ފެނިފައިވާ ކޯވިޑް19 އާ ގުޅިގެން ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބުކުރައްވައި ރައީސް ވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ތަފުސީލުކޮށް ވިދާޅުވެ ދެއްވައިފަ އެވެ. އަދި އެގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެދެއްވައިފަ އެވެ.
ގައުމާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާގޮތުން، ކޯވިޑް-19ގެ ސަބަބުން އިގްތިސާދަށް އެންމެބޮޑަށް ލޮޅުންއަރާނެ ގައުމެއްގެ ގޮތުގައި، ރާއްޖެ ފާހަގަކުރާ ކަމަށެވެ. އެގޮތުން މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިހާރު ހަދާފައި ހުރި ބުކިންގތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ލަފާކުރެވޭ. އަޅުގަނޑުމެން ކުރިން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން، 8 އިންސައްތަ ކުރިއަރާނެ ކަމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާކުރީ، މިއަހަރުގެ ތެރޭގައި 7.5 ޕަސެންޓްގައި ޖީޑީޕީ ކުރިއަރާނެ ކަމަށެވެ. ނަމަވެސް ކޯވިޑް19ގެ ސަބަބުން، އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ.
ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނު ވެސް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ. އަދި ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭނެ ކަމަށް އަވަށްޓެރި އިންޑިޔާއިން މިހާރު ޔަގީންކަން ދީފައިވާ ކަމަށާއި ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް ވެސް އިންޑިޔާއިން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، ރަޙްމަތްތެރި އެހެން ގައުމުތަކުން ވެސް، ކޯވިޑް19އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވެސް ރައީސްގެ ޚިތާބުގައި ވިދާޅުވި އެވެ.
"މިވަގުތު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައިވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ގަސްދުނުކުރާ ވާހަކަ. އަދި ސަރުކާރުން މަސައްކަތް މިކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދަން. ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރިގޮތަށް ކުރިއަށްދާނެ. އެހެން ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރުވަނީ ފަށާފައި،"
ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ޕީއެސްއައިޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ނިންމާފައިވާ ކަމަށާއި ސަރުކާރުން ކުރާ ދަތުރުތަކާއި، މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި، އެފަދަ ބައެއް ޚަރަދުތައްވެސް މިވަގުތަށް ކުޑަކޮށްލާފައިވާ ކަމަށެވެ.
"އޭގެ އިތުރުން، ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާއެކު، މަރުކަޒީ ބޭންކު އެމްއެމްއޭ އިން އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން، ރާއްޖެއިން ބޭރުން ލޯނު އެހީ އާއި، ހިލޭ އެހީ ހޯދުމަށް މި އަންނަނީ މަސައްކަތް ކުރަމުން. މިކަމުގައިވެސް އެކުވެރި ގައުމުތަކުންނާއި، މާލީ އިދާރާތަކުން އަޅުގަނޑުމެންނަށް ވަނީ ފެހި ސިގްނަލް ލިބިފައި،"
ރައީސް ސޯލިހު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!