ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ބިދޭސީ ދެ މީހުން ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު، އަށަކަށް އަރައިފިއެވެ.

ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ބުނީ، އެ ރިސޯޓުން ސާމްޕަލް ނެގި ބިދޭސީ ދެ މީހުން ވައިރަހަށް ޕޮޒިޓިވް ވުމާ އެކު އެ ރިސޯޓް އޮތީ ވަގުތީގޮތުން ބަންދު ކޮށްފައި ކަމަށެވެ. އަދި އެ މީހުންނާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

Ad
rt

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ވަނީ ކޮވިޑް-19 އަށް ނެގަޓިވް ވެފައި ވާކަމަށްވެސް އެޗްޕީއޭއިންވަނީ ބުނެފައެވެ. އެހެންކަމުން ޓެސްޓްގެ ނަތީޖާއާއި ވިދިގެން، އަދި "ކޮންޓެކްޓް ޓްރޭސިންގ" ނިމުމާއި ގުޅިގެން ރީތިރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށް އަންގާކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އޭގެއިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އދ. ވިލަމަންދޫ ރިސޯޓު އައިލަންޑުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ނެގަޓިވް ވެފައި ވާކަމަށާއި، އެހެންކަމުން ޓެސްޓްގެ ނަތީޖާއާއި ވިދިގެން އަދި "ކޮންޓެކްޓް ޓްރޭސިންގ" ނިމުމާއި ގުޅިގެން މިރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ރާއްޖެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އއ. ސޭންޑީސް ބަތަލާ އިން ދެ ފަތުރުވެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖޭގައި މިވަގުތު ލޮކްޑައިން ކޮށްފައި އޮތީ ތިން ރިސޯޓެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓެވެ.