ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއެއް އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޚަބަރުތައް އާންމުވެފައިވާތީ ޅ. އަތޮޅުގައި ހިންގާ ކުރެއްދޫ ރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.
އެރިސޯޓުގެ ބައެއް މުވައްޒަފުންނާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މީހުން އެރިސޯޓަށް އަރައި ފޭބުންވެސް ވަނީ މަނާކޮށްފައެއެވެ.
ކޮވިޑް-19 އަށް ޝައްކު ކުރެވޭ އިޓަލީ ފަތުރުވެރިއަކު މިއަދު ވަނީ ވ. ތިނަދޫއިންވެސް ކަރަންޓީނުކޮށްފަ އެވެ. އެ މީހާގެ ޓެސްޓުގެ ނަތީޖާ އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އިރުކޮޅެއް ތެރޭގައި ރައީސް އޮފީހުގައި ނޫސްބަޔާނެއް ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ރާއްޖެއަށް މިވައިރަސްގެ ނުރައްކާ ބޮޑުވެ ރޭވަނީ ވައިރަސްއަށް ޝައްކުވެގެން އެކަހެރި ކުރެވުނު މީހަކު ނެގަޓިވު ވެގެން ދޫކޮށްލާފައެވެ. އަދި އިތުރު މީހަކު ވައިރަސްއަށް ޝައްކުވެގެން އެކަހެރި ކުރެވިފައިވާކަމަށް އެޗްޕީއޭއިން ރޭވަނީ ހާމަކޮށްފައެވެ.
ދުނިޔޭގެ ހުރިހާ ބައްރަކަށްހެން ފެތުރިފައިވާ މި ނުރައްކާތެރި ވައިރަސް މިހާރުވަނީ ދުނިޔޭގެ ކަންކޮޅުތަކުން 101704 މީހުންނަށް ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!