ޓޭންކަރަކުން ކަނޑަށް ތެޔޮ އެޅުމާ ގުޅިގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އުއްމުލް ޤުވައިންގެ ހުރިހާ ގޮނޑުދޮށްތަކާއި އައްސޭރިފަށުގެ ސަރަހައްދުތައް ވަގުތީ ގޮތުން ބަންދުކޮށް، އެ ސަރަހައްދުތަކުގައި މަސްވެރިކަން ކުރުން މަނާކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ކަނޑުގައި އޮތް ޓޭންކަރަކުން ތެޔޮ ލީކުވި ހާދިސާއަކާ ގުޅިގެން އެ ގައުމުގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓުންނެވެ.

Ad
rt

އެ ވުޒާރާއިން ބުނި ގޮތުގައި، ތެޔޮ އެޅުނު ސަރަހައްދުތައް ވަކިކޮށް، ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށާއި ސާފުކުރުމުގެ މަސައްކަތް ޓެކްނިކަލް ޓީމުތަކުން މިހާރު ވަނީ ފަށައިފައެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ހަދާ އެސެސްމަންޓްތައް ނިމެންދެން އެ ސަރަހައްދުތައް ބަންދުކޮށްފައި އޮންނާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. ކަނޑުގެ ދިރުންތަކަށާއި އައްސޭރިފަށުގެ އިކޯސިސްޓަމަށް ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް ތިމާވެށީގެ ސާވޭތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

މި ހާދިސާއާ ގުޅިގެން އެކްސްގައި އާންމުކުރި ބަޔާނެއްގައި މިނިސްޓްރީން ބުނީ، "ޓީމުތަކުން އެސެސްމަންޓްތައް ނިންމައި، ސަލާމަތީ އަދި ކަނޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަނޑައަޅަންދެން އެމިރޭޓްގެ ހުރިހާ ގޮނޑުދޮށްތަކާއި އައްސޭރިފަށުގެ ސަރަހައްދުތައް ވަގުތީ ގޮތުން ވަނީ ބަންދުކުރެވިފައި،" ކަމަށެވެ. އަދި ތެޔޮ އެޅިފައިވާކަން ދެނެގަނެވުމާއެކު، ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ޓީމުތަކުން ވަގުތުން ތެޔޮ ކޮންޓްރޯލްކޮށް، ސަރަހައްދު ބަންދުކޮށް، ސާފުކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ކަނޑަށް އެޅުނު ތެލުގެ ސަބަބުން އުއްމުލް ޤުވައިންގެ އިތުރުން ކައިރީގައިވާ ޝާރިޖާ އަދި އަޖްމާން ފަދަ އެމިރޭޓްތަކަށް ތެލުގެ ގަދަ ވަސް ވަނީ ފެތުރިފައެވެ. ނަމަވެސް، އެ ވަހުގެ ސަބަބުން އާންމުންގެ ސިއްހަތަށް އެއްވެސް ސީދާ ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހަފުތާގެ ކުރީކޮޅު، ޝާރިޖާ ޕޮލިހުގެ ކޮމާންޑަރ-އިން-ޗީފް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ މުބާރަކް ބިން އާމިރު ވަނީ 'ޑައިރެކްޓް ލައިން' ރޭޑިއޯ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، އާންމުންގެ މެދުގައި އުފެދުނު ބިރުވެރިކަން ކުޑަކުރަން މަސައްކަތް ކުރައްވައިފައެވެ. އެ ވަގުތު އެ ވަސް ދުވަން މެދުވެރިވި ސަބަބު ސާފުކޮށްދެއްވާފައި ނުވި ނަމަވެސް، ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި ހާލަތު އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ކަނޑަށް ތެޔޮ އެޅުނުކަން ކަމާބެހޭ ފަރާތްތަކުން ހާމަކުރުމާ ގުޅިގެން، މި ވަހާ މެދު އުފެދިފައި އޮތް ސުވާލުތަކަށް މިހާރު ވަނީ ޖަވާބު ލިބިފައެވެ.

ކަނޑުގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން އިތުރު އެންގުމެއް އަންގަންދެން، ތެލުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި މަސްވެރިކަން ނުކުރުމަށާއި، އެ ސަރަހައްދުތަކުގެ މޫދަށް ނޭރުމަށް މަސްވެރިންނަށާއި އާންމުންނަށް މިހާރު ވަނީ އަންގައިފައެވެ. މީގެއިތުރުން، ދޮގު ވާހަކަތައް ނުފެތުރުމަށާއި، މި ހާދިސާއާ ގުޅޭ މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކަށް އިސްކަން ދިނުމަށް ޔޫއޭއީގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.