ފައިސާގެ ދަތިކަމާ ހުރެ ޣައްޒާއަށް ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީގެ ތިންބައިކުޅަ އެއްބައި މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ހޯމަ ދުވަހު ހާމަކޮށްފިއެވެ.

ފިނި މޫސުން ކުރިމަތިވަމުން އަންނައިރު އަޅަން ޖެހުނު މި ފިޔަވަޅުގެ ސަބަބުން، ކާބޯތަކެތީގެ ނާޒުކު ހާލަތުގައި ތިބި ބައި މިލިއަން މީހުންނަށް ކޮންމެހެން ބޭނުންވާ މުހިންމު އެހީތެރިކަން މިހާރު ވަނީ މެދުކެނޑިފައެވެ.

Ad
rt

އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި އެހީ ފޯރުކޮށްދޭ މީހުންގެ އަދަދު މިދިޔަ މަހު 1.6 މިލިއަންގައި ހުރި ނަމަވެސް، މިހާރު އެ އަދަދު 1.1 މިލިއަނަށް ދަށްކުރަން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ފޯރުކޮށްދޭ ކާބޯތަކެތީގެ މިންވަރު ވެސް ވަނީ ދެބައިކުޅަ އެއްބަޔަށް މަދުކޮށްފައެވެ. އެގޮތުން ކުރިން އާއިލާތަކަށް ދެ ކާބޯތަކެތީގެ ޕެކެޓު ދިން ނަމަވެސް މިހާރު ލިބޭނީ އެންމެ ޕެކެޓެއް ކަމަށާއި، ދެމުން އަންނަ ގޮދަން ފުށް ބަސްތާގެ ސައިޒު ވެސް ކުޑަކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ބަހަމުން ދިޔަ ހޫނު ކެއުމުގެ އަދަދު 250،000 އިން 150،000 އަށް ވަނީ ދަށްކޮށްފައެވެ. އަދި އިސްރާއީލު ސިފައިން ކޮންޓްރޯލް ކުރާ "ޔެލޯ ލައިން" ކައިރި ފަދަ ވަދެނުކުމެ އުޅެން ދަތި ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކަށް ކުރިން ކޮންމެ ދުވަހަކު ކާބޯތަކެތި ފޯރުކޮށްދިން ނަމަވެސް، ދެން ކާބޯތަކެތި ލިބޭނީ ދެ ދުވަހުން އެއް ދުވަހުއެވެ. ހަމައެއާއެކު އެހީ ދެމުން އަންނަ 75،000 އާއިލާއަކަށް ދޭ ފައިސާގެ އެހީގެ މިންވަރު ވެސް އެ އެޖެންސީން ވަނީ ކުޑަކޮށްފައެވެ.

ޑަބްލިއުއެފްޕީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޣައްޒާގެ އާބާދީގެ 67 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 1.4 މިލިއަން މީހުން ތިބީ ކާބޯތަކެތި ނުލިބުމުގެ ނުރައްކާތެރި ކާރިސާއެއްގެ ތެރޭގައެވެ. މީގެ ތެރެއިން 200،000 އެއްހާ މީހުންނަކީ ބަނޑަށް މަރުވުމުގެ ނުރައްކާ އޮތުމުން ވަގުތުން ކާބޯތަކެތީގެ ކުއްލި އެހީ ބޭނުންވާ ފަދަ ނާޒުކު ހާލަތެއްގައި ތިބި މީހުންނެވެ. އަދި އެ ސަރަހައްދުގައި ފަސް ކުދިންގެ ތެރެއިން އެކަށީގެންވާ ސިއްހަތަށް ފައިދާހުރި ކާނާ ލިބެނީ އެންމެ ކުއްޖަކަށް ކަމަށްވާއިރު، ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 80 އިންސައްތައަށް ވުރެ މައްޗަށް އަރާފައެވެ.

އޮކްޓޫބަރު 2025 ގެ ހަނގުރާމަ ހުއްޓާލުމަށް ފަހު ކާބޯތަކެތީގެ ހާލަތަށް އައި "ކުޑަ" ކުރިއެރުމަކީ ނާޒުކު ކަމެއްގެ ގޮތުގައި ޑަބްލިއުއެފްޕީން ވަނީ ސިފަކޮށްފައެވެ. އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރަށް މަދުވެއްޖެ ނަމަ، އެ ކުޑަ ކުރިއެރުން ވެސް އަނބުރާ ގެއްލި، އަނެއްކާވެސް ހާލަތު އިންތިހާއަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފައެވެ.

ފައިސާގެ ދަތިކަމުގެ ސަބަބުން ހުޅަނގު އައްސޭރީގައި ދެމުން އައި އެހީތެރިކަން ވެސް 400،000 މީހުންގެ ބަދަލުގައި 200،000 މީހުންނަށް، މާނައަކީ ދެބައިކުޅަ އެއްބަޔަށް ވަނީ މަދުކުރަން ޖެހިފައެވެ. ޑަބްލިއުއެފްޕީން ބުނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި، މާޗު 2027 ގެ ނިޔަލަށް ޣައްޒާ އަދި ހުޅަނގު އައްސޭރީގައި މުހިންމު އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި 450 މިލިއަން ޑޮލަރުގެ އެހީ ވަގުތުން ބޭނުންވާ ކަމަށެވެ.