މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ ނުވަ އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ.
މި އުޅަނދުތައް ޓޯކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތުގެ ތެރެއިންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ރެޔާއި ހަމައަށް ހަތަރު ފުރޮޅުލީ ނުވަ އުޅަނދެއް ނަގާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަގުމަތިން ނެގުމަށްޓަކައި ފުލުހުން ކުރަމުންދާ މި މަސައްކަތް ރޭވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން، އެއްވެސް ފަރާތަކުން މަގުމަތީގައި ގަވާއިދާ ހިލާފަށް އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.
މީގެ އިތުރުން، މިހާރުވެސް މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އެފަދަ އުޅަނދުތައް ނެގުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ހިންގާ މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ ފުރުސަތުގައި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!