މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދ. ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަންބަރު ދރ 1384 / މާލެ، ޛުލްކިފްލި ރަޝާދު އާދަމް (20އ) އާއި، ފްރެންޑްލީ / ދ. ކުޑަހުވަދޫ، ނިހާލް ނަސީމް (30އ) އަދި މާވެޔޮ / ދ. ކުޑަހުވަދޫ، ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު (44އ) އެވެ.

މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ކުޑަހުވަދޫ ހޮޓަލެއްގެ ތެރޭގައި ތިއްބައި ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. އޭގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅިވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ ތިން މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.