250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.
މިއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ގެންނެވި އިޞްލާޙަކާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ގެނެވުނު މި އިޞްލާޙާއެކު، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު ވަނީ 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށްފައެވެ. އެއާއެކު، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމުގެ އިތުރުން ބާޒާރަށް ނެރުން މިއަދުން ފެށިގެން އެއްކޮށް މަނާވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި އިޞްލާޙުތައް، ޤަރާރު ނަންބަރު 15/2026 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ގައި ހިމަނުއްވައި، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މިއީ ކުރިން އަމަލުކުރަމުން އައި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 35/2025 ޤަރާރަށް ގެންނެވި އިޞްލާޙެކެވެ.
މި ޤަރާރަށް ގެނެވުނު އިތުރު އިޞްލާޙުތަކުގެ ތެރޭގައި، ލިސްޓުގެ ނަންބަރު 1 ގައި ހިމެނޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅިއާ ގުޅޭ ނިންމުންތައް ހިމެނެއެވެ. އެގޮތުން، އެފަދަ ޕްލާސްޓިކް ހޮޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުން 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ބަދަލުކުރުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.
އޭގެ އިތުރުން، ޕްލާސްޓިކް ހޮޅި ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން 19 ޑިސެންބަރު 2022 އިން، 19 ޑިސެންބަރު 2031 އަށް ފަސްކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.
މީގެ އިތުރުން، ލިސްޓުގެ ނަންބަރު 13 ގައި ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާ ގުޅޭ ގޮތުން ވެސް ބަދަލުތަކެއް ވަނީ ގެންނަވައިފައެވެ. އެގޮތުން، އެފަދަ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޚު 1 ޑިސެންބަރު 2029 އަށް ފަސްކޮށް، ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ފަސްކުރެއްވުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!