'އަމާން އުދަރެސް' އަދި 'އަމާން ދޯދި' ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ އިމާރާތްތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކޮންޓްރޯލް ކުރެވޭނެ ގޮތަށް ސްޓޮޕާ ހަރުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފިއެވެ.

މި ފިޔަވަޅު އަޅަން ފަށާފައިވަނީ ވޭތުވެދިޔަ މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިމާރާތްތަކުން ދެ ކުޑަކުދިން ވެއްޓުމުގެ ހާދިސާތަކެއް ހިނގުމާ ގުޅިގެންނެވެ. އެއާއެކު މީހުން ދިރިއުޅޭ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

Ad
rt

އެފްޑީސީން ބުނި ގޮތުގައި ކުޑަދޮރުތަކުގައި ސްޓޮޕާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. އެ ކުންފުނިން އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވާ ގޮތުން، މި ސްޓޮޕަރުތަކުގެ ސަބަބުން ކުރިން 55 އިންޗިއަށް ހުޅުވޭ ކުޑަދޮރުތައް ދެން ހުޅުވޭނީ އެންމެ 4 އިންޗިއަށެވެ. އަދި މިގޮތަށް ދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރި ނަމަވެސް، ވައި ދައުރުވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މީގެ އިތުރުން، ހުޅުމާލެ ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ދަނީ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބެލްކަނީތަކާއި ކުޑަދޮރުތަކުގައި ސޭފްޓީ ގްރިލް ހަރުކުރުމަށާއި، ބެލްކަނީގެ ރެއިލިންގތައް 1.4 މީޓަރަށް އުސްކުރުމަށް ވަނީ ނިންމާފައެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ދިރިއުޅޭ ގޭބިސީތަކުގެ ބެލްކަނީ ރެއިލިންގތައް ވެސް 1.4 މީޓަރަށް އުސްކުރެވޭނެއެވެ. އަދި ސީރިއަސް ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ދިރިއުޅޭ ގެތަކުން އެދިއްޖެނަމަ، އެ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ބެލްކަނީ ބަންދުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުން ވެއްޓުނަނުދީ ހިފެހެއްޓޭނެ ފަދަ ލޮކިންގ އަދި ގްރިލް ސިސްޓަމްތައް ގާއިމުކުރުމަށް ވެސް އެޗްޑީސީން ދަނީ ރާވަމުންނެވެ.