އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އެކި އަމާޒުތަކަށް އަމާޒުކޮށްކަމަށް ބުނެ އެމެރިކާ ސިފައިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވާ ގޮތުގައި، މި ހަމަލާތައް ދޭން ފަށާފައިވަނީ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

Ad
rt

ސެންޓްކޮމް އިން ބުނި ގޮތުގައި މި ހަމަލާތަކަކީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށާއި ސަރަޙައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އައިއާރްޖީސީން ދޭން އުޅުނު ހަމަލާތަކަކާ ގުޅިގެން ރައްދުގައި ދެމުންދާ ހަމަލާތަކެކެވެ. މިއީ އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް އަބަދުވެސް ދައްކާ ބަހަނާއެކެވެ.

މި ކުރިމަތިލުންތައް ފެށިގެން ދިޔައީ އާދީއްތަ ދުވަހު ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ ލާރަކް އައިލެންޑްގައި ހުރި އައިއާރްޖީސީގެ ރޮކެޓް ލޯންޗަރުތަކަށް އެމެރިކާއިން ދިން ހަމަލާއަކާ ގުޅިގެންނެވެ. އެމެރިކާއިން ބުނީ އެއީ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މަގުތަކުގައި މައިން ވަޅުލުން ހުއްޓުވުމަށް ދިން ހަމަލާއެއް ކަމަށެވެ. މީގެ ރައްދުގައި އީރާނުން ވަނީ އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައެވެ. ނަމަވެސް އެ މިސައިލްތައް އުރުދުންގެ ސިފައިން ވަނީ ވައްޓާލާފައެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެމެރިކާގެ އެންމެ ފަހުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ ޤޭޝްމް އައިލެންޑް، ބަންދަރު އައްބާސް ކައިރި، ކޮނާރަކް، ޗަބަހާރު އަދި ހޮރްމޫޒް ސަރަހައްދުން ބާރުގަދަ ގޮވުންތަކުގެ އަޑުތައް ވަނީ އިވިފައެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްސީލު އަދި ސާފުވެފައެއް ނުވެއެވެ.

މި ހާދިސާތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ. އަދި އިސްރާއީލް، ގަތަރު އަދި އުރުދުންގައި ހުންނަ އެމެރިކާގެ އެމްބަސީތަކުން ވެސް ވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައެވެ.