އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ފަސޭހަކޮށްދޭ އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަން މިއަދު އިފްތިތާޙުކޮށްފިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން މިއަދު ތަޢާރަފުކުރި މި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ހޯދޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފައެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތަކަށް އެދުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އޭގެ އިތުރުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ވަގުތުން ބަލާލެވުމުގެ އިތުރުން، ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް ބަލައި މެނޭޖްކުރުމާއި، ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ. އަދި ވަގުތުން ނޮޓިފިކޭޝަންތަކާއި މުހިންމު އަޕްޑޭޓްތައް ލިބުމުގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްއާ ސީދާ މުޢާމަލާތްކުރުމުގެ ފުރުޞަތުވެސް މި އެޕް މެދުވެރިކޮށް ލިބިގެންދާނެއެވެ.
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އެޕް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެން ކަމަށާއި، ކަސްޓަމަރުންގެ އެކައުންޓަށް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގާނެ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.
މި އެޕްލިކޭޝަނަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތްތައް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ފުޅާ ތަސައްވުރުގެ ބައެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!