ބަންގްލަދޭޝްގެ ރައީސްކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ޤައުމުގައި ވާދަވެރިކޮށް ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމަކީ، ބަންގްލަދޭޝްގެ ޑިމޮކްރެސީގެ ޙަޔާތުގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، އެއީ އެމަނިކުފާނަށް ރައްޔިތުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.

Ad
rt

ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ ތާރީޚީ ވަރުގަދަ ގުޅުންތަކެއްގެ މައްޗަށާއި، ސަރަޙައްދީ ހަމަޖެހުމާއި ތަރައްޤީއަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސްގެ ސިޓީފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން ވަރުގަދަކުރެވި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރު އައު އުސްމިންތަކަކަށް ވާޞިލުވާނެކަމަށް ޔަޤީންކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ 23 ވަނަ ރައީސްގެ ގޮތުގައި މަޤާމުގެ ހުވާކުރެއްވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަކީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ބޭފުޅެކެވެ. މި އިންތިޚާބު ބާއްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް އޮލީ އަޙްމަދާ ވާދަކުރައްވައި 255 ވޯޓު ހޯއްދަވައިގެންނެވެ. އޮލީ އަޙްމަދަށް ލިބިވަޑައިގަތީ 88 ވޯޓެވެ.