އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލްގައި އެމެރިކާގެ ސިޔާސަތުތަކާއި ގުޅޭގޮތުން އޭނާ ކުރަށްވާ ޕޯސްޓްތައް އަވަހަށް ބެލޭނެ ހިދުމަތެއް ތައާރަފްކޮށް، ޓްރަމްޕްގެ ޓްރޫތު ސޯޝަލް ކުންފުނިން އެ ޚިދުމަތުން ފައިސާ ނަގާތީ އެކަން ހުއްޓުވުމަށް މެރިކާގެ ފެޑެރަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި ދައުވާގައި ބުނެފައިވަނީ ހަނގުރާމައާއި، ޓެރިފް އަދި އެހެނިހެން މުހިންމު ކަންކަމާ ގުޅޭގޮތުން ޓްރަމްޕް ކުރައްވާ ޕޯސްޓްތައް ބެލުމަށް ފައިސާ ދައްކައިގެން އެހެން މީހުންނަށްވުރެ ކުރިން ފެންނާނެ ގޮތް ހެދުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ރަސްމީ ނިންމެވުންތަކާއި އިއުލާންތަކަކީ އެކަކު އަނެކަކަށް ތަފާތުކުރުމެއް ނެތި އެއްވަގުތެއްގައި އެންމެންނަށްވެސް ލިބެންޖެހޭ މައުލޫމާތުތަކެއް ކަމަށް ދައުވާގައިވެއެވެ. މި މަހު ކުރީކޮޅު ތައާރަފްކުރި މި ސަބްސްކްރިޕްޝަން ހިދުމަތުގެ ދަށުން ވޯލް ސްޓްރީޓްގެ މާކެޓަށް އަސަރުކުރުވާފަދަ މައުލޫމާތުތައް އަވަހަށް ހޯދުމަށް މަހަކު 100,000 ޑޮލަރާ ހަމައަށް ފައިސާ ނަގައެވެ.

Ad
rt

މި މައްސަލަ ކޯޓަށް ހުށަހެޅި ފްރީޑަމް އޮފް ދަ ޕްރެސް ފައުންޑޭޝަންގެ ޗީފް އޮފް އެޑްވޮކެސީ ސެތު ސްޓާން ވިދާޅުވީ، ރައީސަކު އަމިއްލައަށް އުފައްދަވާ ހަބަރުތަކަށް އިސްކަންދީގެން ބެލޭނެ މަގު އަމިއްލަ ކުންފުންޏަކަށް މަންފާވާގޮތަށް ވިއްކުމަކީ ސަރީހަކޮށް ހިންގާ ކޮރަޕްޝަނެއް ކަމަށެވެ. މި ދައުވާގައި އެ ފައުންޑޭޝަންގެ އިތުރުން ހަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ 'ދަ އިންޓަރސެޕްޓް' އިންވެސް ބައިވެރިވެއެވެ.

ނަމަވެސް ޓްރޫތު ސޯޝަލްގެ މައި ކުންފުނި، ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީން ބުނެފައިވަނީ ވިޔަފާރިވެރިންނަށް އަވަހަށް މައުލޫމާތު ފޯރުކޮށްދިނުމަކީ މި ދާއިރާގައި އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. އަދި ދައުވާކުރާ ފަރާތްތަކުން މަސައްކަތް ކުރަނީ ރައީސްގެ އަޑު ހުއްޓުވުމަށް ކަމަށްވެސް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ޓްރަމްޕަކީ މި ކުންފުނީގެ 40 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް ހޯލްޑިންގް ޓްރަސްޓެއް މެދުވެރިކޮށް ކޮންޓްރޯލް ކުރައްވާ އެންމެ ބޮޑު ހިއްސާދާރެވެ.

ނިއުޔޯކްގެ ސަދަން ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި މި ދައުވާގައި ރައީސް ޓްރަމްޕްގެ އިތުރުން އެމަނިކުފާނުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޑެނިއަލް ސްކަވީނޯ އާއި އެގްޒެކެޓިވް އެސިސްޓެންޓް ނެޓަލީ ޖޭ. ހާޕްގެ ނަންވެސް ރައްދުވާ ފަރާތްތަކުގެ ގޮތުގައި ހިމަނާފައިވެއެވެ. މި މައްސަލައިގައި ދައުވާކުރާ ފަރާތްތަކުން އެދިފައިވަނީ 'ޓްރޫތު އޭޕީއައި' ގެ ނަމުގައި ފެށި މި ހިދުމަތް ވަގުތުން ހުއްޓުވުމަށެވެ.