ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށާއި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ފިއްތުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކުރި ގޮތުގައި، މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް ގެނެވުނު މި ބަދަލަކީ ރާއްޖެއަށް މުދާ އިމްޕޯޓްކުރުމުގައި ވިޔަފާރިތަކަށް ދިމާވަމުންދާ ޑޮލަރު ހޯދުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ. މީގެ ސަބަބުން ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭރު ފައިސާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ރާއްޖޭގެ މާލީ ބާޒާރަށް ބަލާއިރު، މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން، ގައުމަށް ވަންނަ ބޭރު ފައިސާގެ މިންވަރު ދަށްވެ، ބާޒާރަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، ބާޒާރުގައި ޑޮލަރުގެ ރޭޓް ހަމައަކަށް އެޅުވުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް މިއަހަރުގެ ތެރޭގައި އެކި ފަހަރުމަތިން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން، ރަމަޟާން މަހު ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 އިންސައްތަ އިތުރުކޮށްދީފައިވެއެވެ. އަދި ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ 26 އިންސައްތަ އިތުރުކޮށްދީފައެވެ.
މި ފަހަރު ގެނެވުނު 51 އިންސައްތައިގެ ބޮޑު އިތުރުވުމާއެކު، ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އިމްޕޯޓް ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބި، ބާޒާރުގައި ހުރި ފިއްތުންތައް ކުޑަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!