އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ގައުމުތަކުން ދެކޮޅު ހަދަމުންދާތީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ބޮޑަށް ރުޅިގަދަވެ ވާހަކަދައްކައިފިއެވެ.
ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް އެހެން ގައުމުތަކުގައި ވަޒަންވެރި ކުރުމަކީ އިސްރާއީލުގެ ޕްލޭނެވެ. ނަމަވެސް އެކަން އަދި މިހާތަނަށް ކާމިޔާބުވާގޮތެއް ނުވެއެވެ.
އިސްރާއީލުގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ ދުނިޔޭގައި މީހުންނަށް ބޭރަށް ނުދެވޭ ގޮތަށް އޮތް ހަމައެކަނި ދެ ތަނަކީ ''އުތުރު ކޮރެއާ އާއި ޣައްޒާ'' ކަމަށެވެ.
ނަތަންޔާހޫ ބުނި ގޮތުގައި، ޣައްޒާގެ ރައްޔިތުންނަށް އެ ސަރަހައްދުން ބޭރަށް ދިއުމުގެ ހުއްދަ އެހެން ގައުމުތަކުން ނުދެނީ އެއީ އިސްރާއީލަށް ލިބޭނެ އެހީއަކަށް ވެދާނެތީއެވެ.
"އަހަރެން ސުވާލު ކުރަނ، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަކީ ކޮބައިތޯ؟ ދުނިޔޭގެ އެތައް ބިލިއަން ބަޔަކަށް ލިބިފައިވާ އަސާސީ ހައްގު ކަމަށްވާ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އެމީހުންނަށް ނުލިބެންވީ ކީއްވެތޯ؟" ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ފޭރިގަނެގެން އިނދެ މަކަރުވެރިކަމާއެކު ނަތަންޔާހޫ ބުންޏެވެ،
ހީލަތްތެރިކަމާއެކު އިސްރާއީލު ސަރުކާރުން ވަކާލާތު ކުރަމުންދަނީ ޣައްޒާގެ ރައްޔިތުން ބޭނުންނަމަ އެ ސަރަހައްދު ދޫކޮށް ދިއުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އެއީ އިސްރާއީލުން ބޭނުންވާ ގޮތެވެ. ޙައްޤުގެ ވާހަކަ ދައްކަނީ އެމީހުން ބޭނުންވާ ހީލަތްތެރި މަގްސަދު ހާސިލް ކުޅައުމަށެވެ. އެމީހުން ބޭނުންނުވާ އެއްވެސް ކަމެއްގައި ފަލަސްތީނުގެ ރައްޔިތުންނަށް ޙައްޤެއް ނޯވެއެވެ. މުޅި ޣައްޒާ ފުނޑުފުނޑުކޮށް އެތައް ހާސްބަޔަކު ޝަހީދުކޮށް، އެންމެ ކުޑަމިނުން އަސާސީކަންކަމުން ވެސް ދިރިތިބި ރައްޔިތުން ތިބީ މަހްރޫމްކޮށްފައެވެ.
ޣައްޒާގެ ރައްޔިތުންގެ ހުރިހާ ހައްގެއް ފޭރިގަނެގެން އިނދެ، މިއީ އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްގެ ގޮތުގައި ނަތަންޔާހޫ ސިފަކުރިއިރު، އޭނާ ވަނީ އަވަށްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ ބާރުތަކުން ''ސިޔާސީ މަންފާއަކަށްޓަކައި'' ފަލަސްތީނު މީހުންނަށް ހިމާޔަތް ދޭން ދެކޮޅު ހަދާކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އެއީ އޭނާ އާއި އިސްރާއީލުން ޣައްޒާގެ މީހުން މަޖުބޫރުން ބޭރުކޮށް އެތަން އަތްދަށުލުމަށް ބޭނުންވެ، އެކަން ކާމިޔާބުނުވެ އޮތުމުން އޭނާ ދެއްކި ވާހަކައެކެވެ.
ނަތަންޔާހޫ މިގޮތަށް އޮޅުވާލަން ވާހަކަ ދެއްކި ނަމަވެސް އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން މިކަން ދެކެނީ، ބޮން އަޅައި މުޅި ސަރަހައްދު ސުންނާފަތި ކުރުމަށްފަހު "އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރުން" މި ލަފުޒު ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ "މަޖުބޫރުން ބޭރުކުރުން" ނުވަތަ ނަސްލީ ސާފުކުރުމުގެ އަމަލެއްގެ ގޮތުގައެވެ.
މިސްރާއި އުރުދުން ފަދަ އަރަބި ގައުމުތަކުން ރެފިއުޖީން ބަލައިގަތުމަށް ދެކޮޅު ހަދަނީ 1948 ވަނަ އަހަރުގެ "ނަކްބާ" ގައި ކަން ހިނގި ގޮތަށް، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ދާއިމީކޮށް ބޭރުކޮށްލުމުގެ ފުރުސަތު ނުދިނުމަށެވެ. އަދި ޣައްޒާގެ ބަންދުވެފައިވާ ހާލަތަކީ ވޭތުވެދިޔަ 20 އަހަރު އިސްރާއީލުން ހިންގަމުންދާ އެއްގަމާއި، ކަނޑާއި، ވައިގެ ބްލޮކޭޑްގެ ސަބަބުން މެދުވެރިވެފައިވާ ހާލަތެއްކަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ފަލަސްތީނުގެ ލީޑަރުންނާއި ގާނޫނީ މާހިރުން ދެކޭ ގޮތުގައި މިއީ ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ބިންތަކުން އެ ގައުމުގެ ރައްޔިތުން ދާއިމީކޮށް ބޭރުކޮށްލުމަށް ކުރެވޭ މަސައްކަތެކެވެ. އަދި ހަގީގަތަކީ ވެސް އެއީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!