އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އެ އޮފީހުން ކުރި އިއުލާނެއްގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

Ad
rt

މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރުފަހު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި ފޯމުތަކާއި އިގުރާރު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

• އުމުރުން 35 އަހަރު ފުރިފައިވުން.
• އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
• ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބު ކުރާ ނުވަތަ އައްޔަންކުރާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
• ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
• ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 7 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
• އިންފޮމޭޝަން ކޮމިޝަނަރުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

މީގެއިތުރުން، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި ތަންތަނާއި، އަދާކުރި މަގާމުތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތުގެ އިތުރުން މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ ހުށަހަޅަންޖެހެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ގާނޫނުއަސާސީގެ 29 ވަނަ މާއްދާއާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި އުފައްދާފައިވާ އޮފީހެކެވެ.