ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވި މެޗަށްފަހު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ އިހުސާސްތައް ބަންޑުންކޮށްލައިފިއެވެ.

މެސީ ބުނި ގޮތުގައި މި ބަލިވުމުން ލިބުނު "ހިތްދަތިކަން ވަރަށް ބޮޑެވެ."

Ad
rt

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންގެ ފެރާން ޓޮރޭޒް ޖެހި ލަނޑާއެކު ސްޕެއިން ވަނީ ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއާއެކު 2022 ވަނަ އަހަރު އާޖެންޓީނާއިން ހޯދި ތަށި ދިފާއުކުރުމަށް ކުރި އުންމީދުތައް ވަނީ ފެނަށްވެފައެވެ.

މިއީ ވޯލްޑް ކަޕްގެ ފައިނަލެއްގައި މެސީ ބަލިވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ފައިނަލްގައި ޖަރުމަނު އަތުންވެސް އާޖެންޓީނާ ވަނީ 1-0 އިން ބަލިވެފައެވެ. މިހާރު އުމުރުން 39 އަހަރުވެފައިވާ މެސީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު ކުޑަނަމަވެސް، އޭނާގެ ބައިނަލްއަގުވާމީ ކެރިއަރާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ފައިނަލަށްފަހު ޔަމާލް އޭނާގެ ފެވަރިޓް ކުޅުންތެރިޔާ މެސީ އަށް ހިތްވަރުދެނީ، ފޮޓޯ: އޭޕޯ

"ލިބުނު ހިތްދަތިކަން ވަރަށް ބޮޑު، އަދި މި ފާރުގަނޑު ފަސޭހަވާން ވަގުތު ނަގާނެ. އެކަމަކު އަހަރެން ހުރިހާ ރަނގަޅު ހަނދާންތަކެއްގައި ހިފަހައްޓާނަން،" މެސީ ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

އޭނާ އިތުރަށް ބުނީ، މުޅި ގައުމުގެ އެހީތެރިކަމާއެކު އާޖެންޓީނާ އަނެއްކާވެސް ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. އަދި ޖެހިޖެހިގެން ދެ ފައިނަލްގައި ކުޅުމަކީ އާދައިގެ ކަމެއް ނޫންކަން އޭނާ ފާހަގަކުރިއެވެ. މެސީ ވަނީ ޗެމްޕިއަންކަން ހޯދި ސްޕެއިން ޓީމަށް މަރުހަބާވެސް ކިޔާފައެވެ.

މި މުބާރާތުގައި މެސީ ވަނީ އާޖެންޓީނާއަށް 8 ލަނޑު ޖަހައިދީ، 4 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ޚާއްސަކޮށް ނޮކްއައުޓް ބުރުގައި އިނގިރޭސިވިލާތާއި މިސްރު ބަލިކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.

މި މެޗުގެ ފަހު ވަގުތު އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެންޒޯ ބުނި ގޮތުގައި އެ ޓީމުން ގައުމީ ޖާޒީގައި ކުޅުނީ ފަޚުރާއި އިޚްލާޞްތެރިކަމާއެކުގައެވެ.

މެޗު ނިމުނު ވަގުތު ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.