ވޯލްޑް ކަޕް 2026ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗާ ގުޅިގެން، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗުގެ ފޯރީގައި ސަޕޯޓަރުން ބައިވެރިވާއިރު، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ޚާއްޞަކޮށް ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ހަރަކާތްތައް ނުބޭއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. މިފަދަ ކަންކަމުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގުތަކުގެ ޓްރެފިކަށް ބާރުބޮޑުވެ ދަތިތަކާ ކުރިމަތިވާނެކަން ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން އިތުރަށް ބުނީ، މެޗުގެ ފޯރީގައި ބައިވެރިވާއިރު ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބަލިމީހުންގެ ހައްގުތަކަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭނެ ކަމަށެވެ.
އެހެންކަމުން، އެންމެހައި ރައްޔިތުންވެސް ގާނޫނާއި ގަވާއިދުތަކަށް ބޯލަނބައި، އަދަބުވެރިކަމާއެކު އުފާފާޅުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެކެވެ.
ފުލުހުން މި އިލްތިމާސްކުރިއިރު، ވޯލްޑް ކަޕްގައި އާޖެންޓީނާ މެޗު ކުޅޭ ރޭތަކުގައި މެޗަށްފަހު ބަންގްލަދޭޝް އަށް ނިސްބަތްވާ އާޖެންޓީނާގެ ސަޕޯޓަރުން މާލޭގެ މަގުތަކުގައި ދުވެ، އަޑުގަދަކޮށް ހަދާކޮށް ފާހަގަކުރެވެއެވެ. އަދި މެޗު ބަލަން ސްކްރީން ބަހައްޓާފައި ހުންނަ މަގުތަކުގައި ސައިކަލްތައް ޕާކުކޮށްފައި ހުންނަ ގޮތުންނާއި، މެޗު ބަލަން ތިބޭއިރު ދުއްވާ އެއްޗެއްސަށް ދަތިވާގޮތަށް ޢަމަލުކުރާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!