ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުންފުނީގެ ޤާނޫނުގެ ދަށުން "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އާ ކުންފުންޏެއް އުފައްދަވައިފިއެވެ.

މި ކުންފުނި އުފެއްދެވިކަން ރަސްމީކޮށް އިޢުލާންކުރައްވާފައިވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ ރައީސްގެ ޤަރާރުންނެވެ.

Ad
rt

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް އައްޑުއަތޮޅު ހަންކެޑެ ތަރައްޤީކުރުމެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއި، އެ ސިނާޢަތުން ލިބޭ މަންފާ މުޅި އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީވެސް މި ކުންފުނީގެ އަމާޒެކެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށް މި ކުންފުނިން މަސައްކަތް ކުރާނެއެވެ.