މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ. މަރަދޫފޭދޫ، ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ.

Ad
rt

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ސ. މަރަދޫފޭދޫ / އުއްމީދު ނަމަކަށް ކިޔާ ގެއަށް ވަދެ ތިއްބައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި ޖުލައި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ނުވަތަ މައްސަލައިގެ ތަހުގީގަށް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ގެ ބަންދުކޮށްފައިވަނީ 2024 ޖޫން 15 ވަނަ ދުވަހުއެވެ. މި އަމުރަކީ މަސްތުވާތަކެތީގެ އައްޑާތައް ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނެރެފައިވާ އަމުރެކެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއްކަން ފުލުހުން ހަނދާންކޮށްދެއެވެ. "މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ" ކަމަށްވެސް ފުލުހުން ބުނެފަވެއެވެ.