މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހް، އެ ގައުމުގެ ފުޓްބޯޅައަށް ބައިނަލްއަގުވާމީ މައިދާނުގައި އާ ފެށުމެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށާއި އެ ޤައުމުގެ ރައްޔިތުންނަށް ދީފިއެވެ.
މިސްރުގެ ޓީމު އިއްޔެ ވަނީ އަނބުރާ ޤައުމަށް ގޮސްފައެވެ. އެ ޓީމު ވަނީ މި ވޯލްޑް ކަޕްގައި މޮޅު ކުޅުމެއްދައްކައި މުބާރާތުގެ ގަދަ 16 ބުރަށް ދަތުރުކޮށް، މިސްރުގެ ތާރީޚްގައި ފުޓްބޯޅައިން އެންމެ ބޮޑު ކާމިޔާބީ އަށް ވާސިލްވެފައެވެ.
އެނބުރި ގައުމަށް އައުމަށްފަހު މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ސަލާހް ބުނީ، ވޯލްޑް ކަޕަށް ކޮލިފައިވުމާއި މުބާރާތުގައި ބައިވެރިވުމަކުން އެކަނި ނުފުދޭނެ ކަމަށާއި، މި ޓީމަކީ ސަޕޯޓަރުންގެ އިތުބާރު ހައްގުވާ ޓީމެއް ކަމަށެވެ.
"ތިޔަބޭފުޅުން އަދިވެސް ތިބީ މާޔޫސްވެފައިކަން އަހަންނަށް އެނގޭ، އެކަމަކު ބައިނަލްއަގުވާމީ މައިދާނުގައި މިސްރުގެ ފުޓްބޯޅައަށް މިއީ އާ ފެށުމަކަށް ހެދުމަށްޓަކައި އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ވައުދުވަން،" ސަލާހް ބުންޏެވެ.
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ މިސްރުގެ ފުޓްބޯޅަ ތާރީހުގައި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދި އަހަރެކެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގައި މެޗަކުން މޮޅުވެފައި ނުވާ މިސްރުން ވަނީ މިފަހަރުގެ ގްރޫޕް ސްޓޭޖުގައި އެއްވެސް މެޗަކުން ބަލިނުވެ، ނޮކައުޓް ބުރަށް ދަތުރުކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި ބެލްޖިއަމްއާ އެއްވަރުވިއިރު، ނިއުޒީލެންޑް އަތުން 3-1 އިން މޮޅުވެ، ވޯލްޑް ކަޕް ތާރީހުގައި ފުރަތަމަ މޮޅު ވަނީ ހޯދާފައެވެ.
ނޮކައުޓް ބުރުގެ ގަދަ 32 ގައި އޮސްޓްރޭލިއާއާ ބައްދަލުކޮށް، ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވެ، މިސްރުން ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ވޯލްޑް ކަޕެއްގެ މިހާ ހިސާބަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މިސްރުގެ ދަތުރު ނިމުމަކަށް އައީ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން 3-2 އިން ބަލިވުމުންނެވެ. މި މެޗުގައި މިސްރުގެ ކީޕަރު މުސްތަފާ ޝުބައިރު ވަނީ ލިއޮނަލް މެސީގެ ޕެނަލްޓީއެއް ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑާއެކު މިސްރު މުބާރާތުން ވަނީ ވަކިވާން ޖެހިފައެވެ.
މިސްރުގެ ޓީމުން ދެއްކި ހިތްވަރާއި ހޯދި ތާރީހީ ކާމިޔާބީއާއެކު، ސަލާހްގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި މިސްރުގެ ފުޓްބޯޅަ އިތުރު އުސްމިންތަކަކަށް ގެންގޮސްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!