ވޯލްޑް ކަޕްގެ މެޗެއްގައި ރަތް ކާޑު ހޯދާފައިވާ އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް، ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިވުމުގެ ހުއްދަ ދިނުމަށް ފީފާއިން ނިންމި ނިންމުމާ ގުޅިގެން ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަން (އާރް.ބީ.އެފް.އޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ބެލްޖިއަމުން ވަނީ މި މައްސަލައިގައި ފީފާގެ ފަރާތުން ތަފްސީލީ ބަޔާނަކަށް އެދިފައެވެ.
ބޮސްނިއާ-ހެރްޒެގޮވިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޮގަންއަށް ރަތް ކާޑު ދެއްކީ އިދިކޮޅު ކުޅުންތެރިއެއްގެ ފައިގެ ކޮޅަށް އެރުމާ ގުޅިގެންނެވެ. މިއީ އާންމު އުސޫލުން އެއް މެޗުގެ ސަސްޕެންޝަނެއް އަންނަ ކަމެއް ނަމަވެސް، ފީފާއިން ވަނީ އާދީއްތަ ދުވަހު އެ ސަސްޕެންޝަން އުވާލާފައެވެ. މިއީ 1962 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގައި ރަތް ކާޑަކަށްފަހު ސަސްޕެންޝަން އުވާލި ފުރަތަމަ ފަހަރެވެ.
މި ނިންމުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބަލޮގަންގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. ބެލްޖިއަމް ފެޑެރޭޝަނުން ބުނާ ގޮތުގައި ފީފާގެ މި ނިންމުމުގެ މައުލޫމާތު އެ ފަރާތަށް ލިބުނީ މީޑިއާ ރިޕޯޓްތަކުންނެވެ. އަދި މިކަމާ ގުޅޭގޮތުން ފީފާއަށް ސިޓީއެއް ފޮނުވުމުން، ފީފާއިން ވަނީ އެއީ އިސްތިއުނާފެއްގެ ގޮތުގައި ބަލައި، އެކަން ފުރިހަމަ ކުރަން މަދު ގަޑިއިރުތަކެއް ދީފައެވެ.
ބަލޮގަން ބޮސްނިއާގެ ކުޅުންތެރިއާ އަށް ފައުލް ކުރަނީ، މި ފައުލާއި ގުޅިގެން ދެެއްކި ރަތްކާޑަށް އޭނާގެ މައްޗަށް އައި ސަސްޕެންޝަން ފީފާއިން ވަނީ ފަސްކޮށްދީ، ބެލްޖިއަމް މެޗުގައި ކުޅުމަށް ފުރުސަތުދީފައި، ފޮޓޯ: ގެޓީ އިމޭޖްސް
އާރް.ބީ.އެފް.އޭ އިން ބުނީ ފީފާގެ ގަވާއިދުތައް ބުނާގޮތުން ނިންމުމެއް ނިންމި ސަބަބު ބަޔާންކޮށް އިސްތިއުނާފު ކުރާ ފަރާތަށް އަންގަން ޖެހޭނެ ކަމަށެވެ. "ބެލްޖިއަމުން ހަމައެކަނި ގާނޫނީ ތަފްސީލަކަށް އެދުމުން، ފީފާއިން އަމިއްލައަށް އިސްތިއުނާފެއް އުފައްދައި، ވަގުތުން އެއީ ބަލައިނުގަނެވޭނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅީ،" ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރު ފޯ ސްޕޯޓްސް، ގްލެން މިކަލެފް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކުޅިވަރުގެ ގަވާއިދުތަކާ ގުޅޭ ނިންމުންތަކަކީ ކުޅިވަރު އިދާރާތަކުން ނިންމަންޖެހޭ ކަންކަން ކަމަށާއި، ސިޔާސީ ފަރާތްތަކުން އެކަމަށް ނުފޫޒު ފޯރުވުމަކީ ކުޅިވަރުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.
މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ކުޅިވަރުގެ އަހުލާގާއި އިންސާފުވެރި ވާދަވެރިކަން ދެމެހެއްޓުމަށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރާނެ ކަމަށް ބެލްޖިއަމް ފެޑެރޭޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!