ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ހޮނިހިރު ދުވަހު ކެނެޑާ އަތުން 3-0 އިން މޮޅުވެ، މޮރޮކޯ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއާއެކު މޮރޮކޯ ވެފައިވަނީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމަށެވެ.

Ad
rt

މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާ ޓީމުގެ ޝަރަފު ހޯދި މޮރޮކޯ އިން ޖެހިޖެހިގެން ކުއާޓާ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މި މެޗުގައި މޮރޮކޯގެ އަޒެދިން އޫނާހީ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

މޮރޮކޯގެ ދެވަނަ ލަނޑަށްފަހު ކެޕްޓަމް ހަކީމީ، ލަނޑު ޖަހައިދިން އަޒެދިން އޫނާހީ ގައިގާ ބައްދާލަނީ، ފޮޓޯ: ގެޓީ އިމޭޖްސް

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އޮތުމަށްފަހު، މޮރޮކޯ އިން ލީޑު ނެގީ 50 ވަނަ މިނެޓުގައެވެ. އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތަކުން އޫނާހީ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލާފައެވެ. އޭގެ ފަހުން 82 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒްގެ އެހީތެރިކަމާއެކު އޫނާހީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މޮރޮކޯގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ސޫފިއާން ރަހީމީއެވެ.

މި ނަތީޖާއާއެކު މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާގެ ތާރީޚީ ދަތުރު ވަނީ ނިމުމަކަށް އައިސްފައެވެ. ކެނެޑާ އިން ވަނީ މި މުބާރާތުގައި ސައުތު އެފްރިކާ ބަލިކޮށް، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. ފީފާ ރޭންކިންގެ ހަވަނައިގައި އޮތް މޮރޮކޯ އިން ގަދަ 16 އަށް ދަތުރުކުރީ ނެދަލޭންޑްސް ކަޓުވާލުމަށްފަހުއެވެ.

ރަހީމީ މޮރޮކޯ އަށް ތިން ވަނަ ލަނޑު ޖަހައިދެނީ، ފޮޓޯ: ގެޓީ އިމޭޖްސް

މެޗުގެ ފަހުކޮޅު ކެނެޑާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ޖޮނަތަން ޑޭވިޑް ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ހުރަސް ދަނޑި މަތިން ދިޔައިރު، ތާޖޮން ބުޗަނަން ފޮނުވާލި ބާރު ހަމަލާ މޮރޮކޯގެ ކީޕަރު ޔާސީން ބޫނޫ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ކެނެޑާއަށް އުފަން ބޫނޫ ވަނީ މުޅި މެޗުގައި މުހިންމު ތިން ސޭވްކޮށްފައެވެ.

ވަރަށް ފިިޒިކަލް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރެފްރީ ވަނީ ޖުމްލަ އަށް ރީނދޫ ކާޑު ދައްކާފައެވެ. ކޮންމެ ޓީމަކަށް ހަތަރު ކާޑު ލިބުނުއިރު، މޮރޮކޯގެ އިސްމާއިލް ސައިބާރީ ވަނީ އަނިޔާގެ ސަބަބުން 22 ވަނަ މިނެޓުގައި ދަނޑުން ބާލާފައެވެ. ކުއާޓާ ފައިނަލުގައި މޮރޮކޯ ބައްދަލުކުރާނީ ޕެރަގުއޭ އާއި ފްރާންސް ކުޅެގެން މޮޅުވާ ޓީމަކާއެވެ.