ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި ސްޓީވަން ޔޫސްޓާކިއޯ ޖަހައިދިން ލަނޑުން ސައުތު އެފްރިކާ 1-0 އިން ބަލިކޮށް، ކެނެޑާ އިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ކެނެޑާ އިން ހޯދި ފުރަތަމަ މޮޅެވެ.
ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދާން ތައްޔާރުވެފައި ވަނިކޮށް، ޔޫސްޓާކިއޯ މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހިތްގައިމު ބޯޅަ އަމާޒުވީ ސައުތު އެފްރިކާގެ ގޯލްކީޕަރު ރޮންވެން ވިލިއަމްސް ބެލެހެއްޓި ގޯލުގެ ތިރީ ކަނަށެވެ.
މެޗަށްފަހު ކެނެޑާގެ ކޯޗު ޖެސީ މާޝް ވަނީ އޭނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
"ތިޔައީ ކެނެޑާގެ ބަތަލުން! ކެނެޑާގެ ބަތަލުން!" ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް އޭނާ ބުންޏެވެ.
މި މޮޅާއެކު ކެނެޑާ ދެން ބައްދަލުކުރަން ޖެހޭނީ ނެދަލެންޑްސް ނުވަތަ މޮރޮކޯއާ އެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހިއުސްޓަންގައެވެ.
މި މެޗުގައި ކެނެޑާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ މެޗުތައް ގެއްލުނު ތަރި ޑިފެންޑަރު އަލްފޮންސޯ ޑޭވީސް އެނބުރި އައުމެވެ. މެޗުގެ 75 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޭވީސް ވަނީ ކުޅެން އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްދީފައެވެ.
ސައުތު އެފްރިކާގެ ފަރާތުން ވަރުގަދަ ޑިފެންސް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ކީޕަރު ވިލިއަމްސް ވަނީ ނުރައްކާތެރި ފަސް ހަމަލާއެއް ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތު އެލިސްޓެއާ ޖޯންސަން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ސައުތު އެފްރިކާގެ ކުޅުންތެރިން ސާފުކޮށްލުމުން ލިބުނީ ސީދާ ޔޫސްޓާކިއޯގެ ފަޔަށެވެ. އޭނާ ވަނީ އެއްވެސް ގޯހެއް ނުހަދައި ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ އިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗު އަމިއްލަ ގައުމުގައި ކުޅުނު ނަމަވެސް، މިދިޔަ ބުދަ ދުވަހު ސްވިޒަލޭންޑް އަތުން ބަލިވުމުން މި މެޗު ކުޅެން ޖެހުނީ ރަށުން ބޭރުގައެވެ. އެހެންނަމަވެސް ލޮސް އެންޖެލިސްގައި ކުޅުނު މި މެޗުގައި ކެނެޑާގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!