ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ޖަރުމަނު އަތުން 2-1 އިން މޮޅުވެ، އިކުއެޑޯ އިން މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށްފިއެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ގޮންޒާލޯ ޕްލާޓާ ކާމިޔާބުކޮށްދިން ލަނޑާއެކު އިކުއެޑޯ އިން ވަނީ ފަހަތުން އަރައި ޖަރުމަނުގެ މައްޗަށް ކުރިހޯދާފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު، ދެވަނަ މިނެޓުގައި ލެރޯއި ސާނޭ ޖަހައިދިން ލަނޑުން ޖަރުމަނުން ވަނީ ލީޑު ނަގާފައެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން، މެޗުގެ ނުވަވަނަ މިނެޓުގައި ނިލްސަން އަންގޫލޯ ވަނީ އިކުއެޑޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ މި މުބާރާތުގައި އިކުއެޑޯއިން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
އިކުއެޑޯ މޮޅުކޮށްދިން ލަނޑު ޕްލާޓާ ކާމިޔާބުކުރީ ޕެޑްރޯ ވިޓޭ ނެގި ކޯނަރެއް ކެވިން ރޮޑްރިގޭޒް ބޮލުން ޖައްސާލުމުން، ޖަރުމަނުގެ ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ އެ ބޯޅަ ހިފަން އުޅެނިކޮށް ފައިން ކޮށްޕާލައިގެންނެވެ. މި ލަނޑާއެކު އިކުއެޑޯގެ ކޯޗު ސެބަސްޓިއަން ބެކަސޭސޭ ވަނީ ސަޕޯޓަރުންނާއެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
މި ނަތީޖާއާއެކު އިކުއެޑޯ ގްރޫޕްގެ ތިންވަނައިގައި އޮވެ ދެވަނަ ބުރަށް ދަތުރުކުރިއިރު، މިއީ އެ ގައުމުގެ ތާރީޚުގައި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުން ވަނީ 2006 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. އަނެއްކޮޅުން، މި ބައްޔާއެކު ޖަރުމަނުން މެދުނުކެނޑި 11 މެޗުން މޮޅުވަމުން އައި ސިލްސިލާއަށް ވަނީ ނިމުން އައިސްފައެވެ.
މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން 80,663 ސަޕޯޓަރުން ވަދެފައިވާއިރު، މިއާއެކު މުޅި މުބާރާތުގެ ޖުމްލަ އެޓެންޑެންސް ވަނީ 3,587,539 އަށް އަރާފައެވެ. މިއީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ރެކޯޑަށްވުރެ އިތުރު އަދަދެކެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖަރުމަނަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ގްރޫޕްގެ އެއްވަނަ ހޯދި ޖަރުމަނު ދެން ބައްދަލުކުރާނީ ޕެރަގުއޭ، އޮސްޓްރޭލިއާ ނުވަތަ ސްވިޑަންގެ ތެރެއިން ގައުމަކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!