އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ބޮޑަށް ފާހަގަކުރެވެމުންދަނީ ދަނޑުމަތީގައި ކުޅުންތެރިން ބޭނުންކުރަމުންދާ ފިޔާތޮށި ކުލައިގެ ބޫޓުތަކެވެ. އެމެރިކާގެ ޖިއޯ ރޭނާ، ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ، ފްރާންސްގެ ކީލިއަން އެމްބާޕޭ އަދި އިންގްލެންޑްގެ ހެރީ ކޭން ފަދަ ތަރިން މިހާރުވެސް ވަނީ މި ކުލައިގެ ބޫޓުގައި ތިބެ މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް އަމާޒުކޮށް ނައިކީ، އެޑިޑާސް، ޕޫމާ، ސްކެޗާސް އަދި ނިއު ބެލެންސް ފަދަ މަޝްހޫރު ކުންފުނިތަކުން ވަނީ ފިޔާތޮށި ކުލައިގެ ބޫޓުތައް ބާޒާރަށް ނެރެފައެވެ. މި ބޫޓުތައް ފަރުމާކޮށްފައިވަނީ ކުޅުންތެރިންގެ ހުނަރު އިތުރުކުރުމުގެ އިތުރުން، ދަނޑުމަތީގައި ކުޅުންތެރިން ފާހަގަވާނެ ފަދަ ގޮތަކަށެވެ.
ނައިކީގެ ޑައިރެކްޓަރ އޮފް ގްލޯބަލް ފުޓްވެއަރ އޮޑިންގާ ނިމާކޯ ވިދާޅުވި ގޮތުގައި، "އެތުލީޓުން މި ކުލަ ގުޅުވަނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ފާހަގަވުމާ. މީގެ ސަބަބުން ކުޅުންތެރިންނަށް ހިތްވަރު ލިބޭ." މީގެ ކުރިން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނައިކީން ނެރުނު ރިހި، ރީނދޫ އަދި ނޫ ކުލައިގެ ބޫޓުތަކަކީ ބޫޓުގެ ކުލައަށް އައި ބޮޑު ބަދަލެއްގެ ފެށުމެވެ.
މި މުބާރާތުގައި އެމްބާޕޭ، ވިނީޝިއަސް، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އާލިން ހާލަންޑް ފަދަ ކުޅުންތެރިން ނައިކީ ބޭނުންކުރާއިރު، ޖޫޑް ބެލިންގހަމް އާއި ލަމީން ޔަމާލް ފަދަ ކުޅުންތެރިން ބޭނުންކުރަނީ އެޑިޑާސްގެ ފިޔާތޮށި ބޫޓެވެ. އަދި ހެރީ ކޭން ސްކެޗާސް ބޭނުންކުރާއިރު، ވެސްޓަން މެކެނީ އާއި ނޭމާ ޖޫނިއާ ފެންނާނީ ޕޫމާގެ ފިޔާތޮށި ކުލައިންނެވެ.
ސްކެޗާސްގެ ޑައިރެކްޓަރ އެލެކްސް ބާޑިނީ ވިދާޅުވީ މި ބޫޓުތަކުގެ ކުލަ އިންސްޕަޔަރ ވެފައިވަނީ ލޮސް އެންޖެލިސްގެ އިރުއޮއްސޭ މަންޒަރުން ކަމަށެވެ. "މީގައި ހިމެނެނީ ފިޔާތޮށި އަދި ދަނބު ކުލައިގެ ހިތްގައިމު ކުލަތަކެއް،" އޭނާ ވިދާޅުވިއެވެ.
ކުންފުނިތަކުން ގަބޫލުކުރާ ގޮތުގައި ކުލައިގެ ސަބަބުން ކުޅުން ސީދާ ރަނގަޅު ނުވި ނަމަވެސް، މިއީ ކުޅުންތެރިޔާގެ ނަފްސާނީ ދުޅަހެޔޮކަމާއި އިތުބާރާ ގުޅިފައިވާ ކަމެކެވެ. ބޫޓުގެ ލުއިކަމާއި، ފަރުމާކޮށްފައިވާ ގޮތުގެ ސަބަބުން ކުޅުންތެރިންނަށް ދަނޑުމަތީގައި ހަލުވިކަމާއެކު ހަރަކާތްތެރިވުމުގެ އިހުސާސް ކުރެވޭ ކަމަށް ކުންފުނިތަކުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!